ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 20:49
ޤާސިްމ އިބްރާހީމް އޭޑީކޭގައި އެޑްމިޓް ކޮށްފައި
ޤާސިްމ އިބްރާހީމް އޭޑީކޭގައި އެޑްމިޓް ކޮށްފައި
ހުސެން ފިޔާޒް
ޤާސިމް އިބްރާހީމް
ޤާސިމްގެ ޝަރީޢަތް ކުއްލި ގޮތަކަށް ކެންސަލް ކޮށްފި
ޤާސިމްގެ ޝަރީޢަތް ކެންސަލް ކުރި ސަބަބެއް އަދި ނޭނގޭ
ޤާސިމްގެ ޝަރީޢަތް ކެންސަލް ކުރީ ޕީޖީގެ ވަކީލުންވެސް ކޯޓަށް ހާޒިރުވިފަހުން
އޭޑީކޭގައި އޮންނެވިނަމަވެސް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށް ޗިޓް ފޮނުވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ  މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްޗަށް މިރޭ 8 ޖަހާއިރު ބޭއްވުމަށް ތާވަލްކުރި ޝަރީޢަތް ކުއްލި ގޮތަކަށް ކެންސަލް ކޮށްފިއެވެ.

މިޝަރީޢަތް ކެންސަލް ކޮށްފައިވަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެއެވެ.

ޕީޖީ އޮފީހުގެ ވަކީލުން ވެސް ހާޒިރުވެފައި ވަނިކޮށް މި ޝަރީޢަތް ކެންސަލް ކޮށްފައި މިވަނީ ޤާސިމްގެ ސިއްޙީ ހާަލަތު ހުރިގޮތުން އޭޑީކޭގައި އެޑްމިޓްކޮށްފައި ވަނިކޮށް ފޮނުވި ޗިޓަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައިވެސް ޝަރީޢަތް ކުރިއަށް ގެނދާނެ ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިރޭ 8:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަމުރުކޮށް  މިއަދު ވަނީ ޗިޓް ފޮނުވާފައެވެ.

އެޗިޓާ ގުޅިގެން ޤާސިމްގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ޖިނާއީ ކުށެއްގައި ތުހުމަތު ކުރެވޭ މީހާ ހާޒިރު ނުކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޤާނޫން އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުންވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އާ ޤާނޫން އަސާސީއަށް އަމަލްކުރަން ފެށިފަހުން 2008 ގެ ފަހުން މިހާތަނަށް އެފަދަ ގޮތަކަށް އަމަލްވެސް ކޮށްފައި ނުވާ ކަމަށެވެ.

މިއަދު ހެނދުނު 10:30 އަށް ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް، ހެނދުނު 9:00 ހާއިރު ގާސިމްގެ ހާލު ގޯސްވުމުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ. ގާސިމް އެޑްމިޓް ކުރުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، އިރުއޮއްސި 6:00 އަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެން ނަމަވެސް އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 125 ވަނަ މާއްދާގެ 'ރ' ގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ ސަބަބެއް ނެތި ދަޢުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުވެފައިނުވާނަމަ، ޝަރީއަތަށް ހާޒިރުވެ ހުރުމަށް ލިބޭ ހައްގާއި، ހެކިބަސް ނެގުމަށާއި ހެކިބަސް ނެގުމަށް އިއުތިރާޒް ކުރުމަށް ލިބޭ ހައްގު އޭނާ ދޫކޮށްލީ ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންނަމަވެސް، ގާސިމް އެޑްމިޓް ކޮށްފައިވާކަން ވަކީލުން ވަނީ ކޯޓަށް މިއަދު ހެނދުނު އަންގާފަ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ހޮނިހިރު ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސަރުކާރުން ގާސިމް ބަންދުކޮށްފައި ހުރި ހާލަތުގެ ލާއިންސާނީކަމާއި، ނުތަނަވަސްކަމުން އޭނާގެ ބަލިހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު އެއާޕޯޓަށް ވަޑައިގެން ފަހުން ސަރުކާރުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 10 ވަރަކަށް ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ގާސިމަށް ފަރުވާ ދީފައިވެއެވެ.

ގާސިމްގެ ވަކީލުން ބުނީ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ  ކަމަށް އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހެޅުމުން ވެސް ހުއްދަ ދީފައިނުވާ ކަމަށެވެ.

ގާސިމްގެ ހާލުކޮޅު އިތުރަށް ގޯސްވުމާ ގުޅިގެން އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ގާސިމްގެ ހިތުގެ މައްސަލައަށް ފަރުވާ ދިނުމަށްޓަކައި "އީ. ޕީ. އޭ + އާރް. އެފް. ޕީ" ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އެ އަޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތީތީވެ، އޮޕަރޭޝަން ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް