ދުވަސްނުފުރާވިހާ ތުއްތުކުދިންގެ ލޮލުގެ ފެނުން ގެއްލުން ހުއްޓުވުމަށް ދޭ އާރުއޯޕީ ލޭޒާ ޓްރީޓްމަންޓު އައިކެއަރގައި މިހާރު ލިބެން ހުންނާނެ ކަމަށް އައިކެއަރ އިން ބުނެފިއެވެ.
އައިކެއަރ އިން ބުނީ ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ އަކީ ދުވަސްނުފުރާ ވިހާ ކުދިންނަށް ކުރިމަތިވާ ވަރަށް ސީރިއަސް ލޮލުގެ މައްސަލައެއް ކަމަށާއި މި މައްސަލަ ކުރިމަތި ވަނީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުއްޖާ އަންޑާޑިވަލޮޕްވެ ލޮލުގެ ރެޓިނާގެ ލޭ ނާރުތައް ހުންނަން ޖެހޭ ގޮތާއި ހިލާފަށް އެބްނޯމަލްކޮށް އުފެދުމުން ކަމަށެވެ. އަދި މިއީ އާއްމުކޮށް 32 ހަފްތާ ނުވަނީސް އުފަންވާ ކުދިންނާއި 1500 ގުރާމަށް ވުރެ ލުއިކޮށް އުފަންވާ ކުދިންނަށް ކުރިމަތިވާ މައްސަލަ އެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އާރުއޯޕީ އަކީ ރެޓިނާ އެއްކޮށް ޑިޓޭޗްވުމަށް މަގުފަހިވެ، ލޮލުގެ ފެނުން އެއްކޮށް ގެއްލުމަށް މަގުފަހިވާ ހާލަތަކަށް ވާއިރު މި ހާލަތަށް ބޭނުންވާ ފަރުވަ ނުދެވި، ލޮލުގެ ފެނުން ގެއްލިއްޖެނަމަ، އިތުރު ފަރުވާއެއްދީ ލޮލުގެ ފެނުން އަލުން އިއާދައެއް ނުކުރެވޭނެ ކަމަށް ވެސް އައިކެއަރއިން ވަނީ ބުނެފައެވެ. އެހެންކަމުން މި މައްސަލައަށް ބޭނުންވާ ފަރުވާގެ މުހިންމުކަން ދެނެގަނެ އައިކެއަރ ހޮސްޕިޓަލުން ދާދި ފަހުން މި މައްސަލައަށް ދޭ އާރުއޯޕީ ލޭޒާ ޓްރީޓްމަންޓު ތައާރަފްކޮށްފަވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.
ރާއްޖެއަށް އަލަށް ތައާރަފްކުރި މި ޓްރީޓްމަންޓުގެ ފުރަތަމަ ޕްރޮސީޖާ އެ ހޮސްޕިޓަލުގައި ހެދީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ޓްރީޓްމަންޓު ދީފައި ވަނީ ރެޓިނާގެ ނާރުތައް އުފެދުމުގައި އެބްނޯމަލިޓީ ހުރި، 33 ހަފްތާގެ ދުވަސްނުފުރާ ވިހޭ ފިރިހެން ކުއްޖަކަށެވެ. މި ފަރުވާއަށް ފަހު، ތުއްތު ކުއްޖާގެ ލޮލުގެ އެބްނޯމަލް ނާރުތައް ވަރަށް ބޮޑަށް ވަނީ މަދުކުރެވި، ކާމިޔާބުކަމާއި އެކު މި ޕްރޮސީޖާ ވަނީ ހަދާފައެވެ.
މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް އުޅުއްވި އެ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ސްޕެޝަލިސްޓް އަދި ސާޖަން ޑރ. މުހައްމަދު އައްޒާމް އަލީ ވަނީ މި ޕްރޮސިޖާ އަކީ ރާއްޖެއަށް ބޭނުންވެފައި އޮތް މުހިންމު ހިދުމަތެއް ކަމަށް ވިދާޅުވިއެވެ. ޑޮކްޓަރު ވިދާޅުވީ މި ޓްރީޓްމަންޓަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީ އަކާއި ކުރިއެރުމެއް ކަމަށެވެ.
އާރްއޯޕީ އަކީ އެކަމަށް ހާއްސަ ވަކި ޓްރީޓްމަންޓެއް ބޭނުންވާ ވަރަށް ކްރިޓިކަލް ކޮންޑިޝަނެއް. މި ހިދުމަތް ތައާރަފްކުރެވުމަކީ ރާއްޖޭގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ ފެނުން ގެއްލުން ހައްލުކޮށް، ހުއްޓުވުމަށް ދެވެން އޮތް އެންމެ ބޮޑު ފަރުވާޑރ. މުހައްމަދު އައްޒާމް
އާރުއޯޕީ ލޭޒާ ޓްރީޓްމަންޓަކީ ރެޓިނާގެ ޓާގެޓު ތަންތަނަށް ލޭޒާ ފޮނުވާ، އެބްނޯމަލް ލޭ ނާރުތައް ކުޑަކޮށް، މި ކޮންޑިޝަން ހުއްޓުވުމަކަށް ގެނައުމަށް ދޭ ފަރުވާއެކެވެ. މިއީ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ. މި ޕްރޮސީޖާ ހަދަނީ ޓޮޕިކަލް އެނެސްތޭޝިއާ ދީގެންނެވެ. އަދި މި ޕްރޮސީޖާ ހެދުމުގައި ކުޑަކުއްޖާއަށް ވީހާ ވެސް އުނދަގޫ ކުޑަ ގޮތަކަށް ފަރުވާދިނުމާއި ކުއްޖާގެ ރައްކާތެރިކަމަށް އިސްކަން ދެއެވެ.