ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައިވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށާއި، "ރަންލާރި" އެވޯޑް ދިނުމަށް ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމަކީ ދިވެހި އެންމެހައި ދަރިންގެ ޤައުމެއް ކަމަށާއި ޤައުމު ބިނާކުރެވެމުން މިދަނީ އެންމެންގެ ޙިއްޞާ ހިމެނިގެން ކަމަށް ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ މި ސަރުކާރަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ އިޤްތިޞާދީ އެޖެންޑާއެއް ހިމެނޭ ސަރުކާރެއް ކަމަށެވެ. އަދި ތަރައްޤީވެފައިވާ ބަޔަކަށް ވެވޭނީ ފުދުންތެރި ޤައުމަކަށްވެގެންކަމަށާއި ފުދުންތެރި ޤައުމަކަށްވެވޭނީ އުފެއްދުންތެރި ޤައުމަކަށް ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީރާއިން ދެމުންގެންދާ ޚިދުމަތްތަކަށް އިޝާރާތްކުރައްވަމުން، ޓެކްސް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަން އަދި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަކީ، އެފަރާތްތަކުގެ އިތުބާރު ޓެކްސް ނިޒާމަށް ހޯދުމަށް ވަރަށް މުހިންމުކަމެއް ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި "ރަންލާރި" އެވޯޑް ލިބުނު ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.