މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފިއެވެ.
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އެޑްމިން އިމާރާތުގައި ބޭއްވުނު ހަފްލާއެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ބޭނުން ރަސްމީކޮށް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މާލޭގައި ޤާއިމްކުރެވިފައިވާ މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި، އެ ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގުސަދުގައި އިމާރާތްކުރެވޭ ސްޓޭޝަނެކެވެ. މިގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3ގެ ސަރަހައްދަށް އަމާޒުކުރެވިގެން ހިންގަމުންދާ، ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އަލަށް އިމާރާތްކުރެވިފައިވާ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ މިދެންނެވެނު ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި އިމާރާތްކުރެވިފައިވާ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ (11.97 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެކެވެ.
މި މަޝްރޫޢު އަކީ އޭޑީބީ އިން ބަލަހައްޓަމުންދާ 'ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް' (Japan Fund for Prosperous and Resilient Asia and the Pacific) ގެ 2 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ޕްރޮޖެކްޓް އެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވި ގޮތުގައި މި ފެސިލިޓީ ވެގެންދާނީ މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީ އަކަށެވެ. އަދި މިމިނިސްޓްރީއިން އިޢުލާން ކޮށްފައިވާ 'ހަފްތާ-14' މަގުޗާޓުގައި ހިމެނޭ 'މަގޭ ސާފު ރާއްޖެ' ޕްރޮޤްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި އެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވިގޮތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީ ހިމެނޭ މިޕްރޮޖެކްޓްގެ ސަބަބުން ފުރަމާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެވޭނެއެވެ. އަދި މިޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން މިނިސްޓްރީ އަދި ވެމްކޯގެ މުވައްޒަފުން ޖަޕާންގެ ޓޯކިއޯ ސިޓީގެ އެކި ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ތަހުލީލް ދަތުރުތަކެއް ކޮށްފައެވެ. ޖަޕާން އަށް ކުރި މިދަތުރުގެ ހޯދުންތަކުގެ އަލީގައި އާއި، ޖަޕާނުގެ އެކި ފަންނީ މާހިރުންގެ ލަފަޔާއި އެކު ކުރިޔަށް ގެންދާ މިޕްރޮޖެކްޓް ނިމުމާއި ހަމައަށް އައުމުން އެކަމާ ނުހަނު އުފާވާކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިމިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތަށް ޚާއްސަ ކުރެވިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ޤާއިމްކުރެވިފައިވާ 6 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއަށް ކުރިންވެސް ރާވާފައިވާ ގޮތަށް މި އިދާރާތަށް ބަދަލުކުރެވިގެންދާނެއެވެ.
މީގެ އިތުރުން ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިންގއަށް ޖާގަ ޚާއްސަ ކުރެވިފައެވެ. މީގެ އިތުރުން، މިއިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ޤާއިމްކުރުމަށެވެ.
މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.