މިއަދަކީ މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ މިސްކިތްތައް ފުރި ބޭރުގައި ސަފު ހަދާ ދުވަހެކެވެ. ހުކުރު ނަމާދުވެސް އެކަންޏެއް ނޫނެވެ. ރޯދަ މަހުގައި ތަރާވީހުގައިވެސް ކަން ދިމާވަނީ މިހެންނެވެ. މީގެ ކުރިން މިސްކިތުގެ ތެރެއިން ޖާގަ ނުލިބުނު ނަމަވެސް ބޭރުގައި މުސައްލަ އަޅައިގެން ނަމާދުކޮށްލެވެއެވެ.
ނަމަވެސް މި ސަރުކާރުގެ އެއް ނިންމުމާއެކު މިއަދު ނަމާދު ކުރެވެނީ އިމާމަށްވުރެ ކުރިންކަމެއް ފަހުންކަމެއް ނޭނގެއެވެ. އަޑު އިވި ކިޔުނީ ރަނގަޅަށެވެ. މި ސަރުކާރުން ނިންމީ މިސްކިތުން ބަންގި ގޮވާ އަޑު ފިޔަވައި ނަމާދުކުރާ އަޑާއި ގުރުއާން ކިޔަވާ އަޑު މިސްކިތު ތެރެއަށް އެކަނި ބަހައްޓާށެވެ. އެ ނިންމުމާއެކު މިއަދު ހުކުރު ނަމާދަށް ދިޔަ އެތަކެއް ރައްޔިތުންނެއް ތިބީ އެމީހުންގެ ހުކުރު ނަމާދާމެދު ޝައްކެއްގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ރަނގަޅު ކަމަށެވެ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅު ކަމަށެވެ. ނަމަވެސް ބަންގިއާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ކަންކަން ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި ނަތީޖާ ފެންނާނެ ކަމަށެވެ. ނަމަވެސް ހިތާމަ ހުއްޓެވެ. ކުރީ ސަރުކާރުން މިސްކިތްތަކުން ބަންގިއާއ ނަމާދާއި ގުރުއާނުގެ އަޑު ކަނޑާލިކަމަށް ވަކާލާތުކޮށް، އެކަންކަން ރަނގަޅުކުރަން އައި މީހުން މިއަދު އެކަންކަން ކުރަނީއެވެ.
ސަލަފުން ނުކުމެ އެދުވަހު އެ ވާހަކަތައް ދެއްކިއެވެ. ސަލަފުގައި އުޅޭ ދީނީ އިލްމުވެރިއެއްކަމަށް ބުނާ ބޭފުޅު ލިޔެފައި އޮތް ލިޔުމެއްގައި އޮތެވެ. ގުރުއާނާއި ނަމާދުގެ އަޑު އިވުނީމާ އުނދަގޫވަނީ ޝައިތާނުންނަށްކަމަށެވެ. އެހެންވީމާ ކަން އޮތީ އެހެންކަމަށް ގަބޫލުކުރަމެވެ.
މިއަދު ހުކުރަށް ދިޔައިރު މިސްކިތު އެތެރެ އޮތީ ފުރިފައެވެ. ޖާގައެއް އެންމެ ކައިރިންވެސް ލިބުނީ މިސްކިތާއި 30 ވަރަކަށް ފޫޓް ދުރުންނެވެ. ހުތުބާގެ އަޑު އިވެއެވެ. ނަމަވެސް ހުތުބާ ނިމި ނަމާދަށް ގޮވުމާއެކު މުޅިތަން ހިމޭންވެއްޖެއެވެ. ނަމާދު ފަށައި ނިމުނު އިރު މި ކުރެވުނީ ރަނގަޅަށް ކަމާމެދު ހިތާއި ހިތުން ޝައްކު އުފެދުނެވެ. ކޮންފަދަ ނުބައި ނިންމުމެއް ހެއްޔެވެ.
ބަޔަކަށް އުނދަގޫވާތީ ބަޔަކު ރުއްސަން ވެގެން މިސްކިތްތަކުން ހުކުރު ނަމާދުގެ އަޑެއް މިއަދު ނީވެއެވެ. ގުރުއާނުގެ އަޑެއް ނީވެއެވެ. ނަމާދު ކުރިކަމެއްވެސް ބަޔަކަށް ނޭނގެއެވެ. އެހާލުގައި ކުރިމަތީގައި ހުރި މީހާގެ ހަރަކާތަށް ބަލައިގެން، ކަންފަތް ދީގެން މިސްކިތުން ކިޔާއެއްޗެއް އަޑުއަހައިގެން ހުކުރު ނަމާދުކޮށް ނިންމާލީއެވެ. ހިތާމައަކީ މުދިމުގެ އަޑަށް ނަމާދުގެ ހަރަކާތްތައް ކުރާއިރު މިއަދު ޖެހުނީ ކުރިމަތީގައި ހުރި މީހާގެ ހަރަކާތަށް ބަލާށެވެ.
ރަމަޟާންމަހު ދިވެހިންނަށް ދިވެހީންގެރާއްޖެއިން މި ލިބުނު ހަދިޔާއެއްގެ ބޮޑުކަމާއެވެ. ރޯދަ މަސް ފެށުނުތަނާހެން މިސްކިތްތަކުން ނަމާދާއި ގުރުއާނުގެ އަޑު ކަނޑާލައިފިއެވެ. ތަރާވީސް ނަމާދު ކުރަނީ ސިއްރިއްޔާތުގައެވެ. ހަމައެކަނި މިސްކިތްތަކުން އިވެނީ ބަންގީގެ އަޑެވެ. ދެން ގަމަތެވެ. މި ސަރުކާރުން ދީން ކުރިއަރުވަން މި ނިންމި ނިންމުމުގެ ހިތި މިއަދު ހުކުރަށްދިޔަ އެތަކެއް ރައްޔިތުންގެ ކަރުބުޑުގައިލައިފިއެވެ.