މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބީޖީންގްއަށް ދަތުރު ކުރަމުން ދަނިކޮށް ވީނުވީއެއް ނޭނގި، މެލޭޝިއާ އެއަރލައިންސް ފްލައިޓް އެމްއެޗް-370 ގެއްލުނުތާ ބަރާބަރު 10 އަހަރު ފާއިތުވެ ދިޔައީއެވެ. ބޯޓުން ދަތުރުކުރަމުން ދިޔަ ފަސެންޖަރުންނާއި ކުރޫއިންގެ ޢާއިލާތަކުގެ ގިނަ މެންބަރުންތަކެއް އަދިވެސް ދަނީ، އެމްއެޗް-370 ގެއްލުނު ކަން ޤަބޫލު ކުރުމުގައި ތަކުލީފުތަކެއް އުފުލަމުންނެވެ. ބައެއް މީހުން އަދިވެސް ދަނީ، އުފެދިފައިވާ ބޮޑެތި ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބޭތޯ ހޯދާ ބަލަމުންނެވެ.
އެފަދަ އެކަކީ ޗައިނާގެ ރައްޔިތެއް ކަމަށް ވާ ޖިއާންގް ހޫއީއެވެ. މަރުވެ ގޮސްފައި ވާ މީހުންގެ ޝަރަފުގައި ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގައި ބައިވެރިވާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ޖިއާންގް މަންމަ، ޖިއާންގް ކޫއީ ޔޫން އަކީ އެމްއެޗް-370 ގެއްލުނު ދަތުރުގެ ފަސެންޖަރެކެވެ.
ގެއްލުނު ފްލައިޓުގަ މަންމަ އިންކަން ކަށަވަރުވި މަޢުލޫމާތު އަހަންނަށް ލިބުނު ވަގުތަކީ އަހަންނަށް ވަރަށް އެހެން ކަހަލަ އިޙްސާސްތަކެއް ކުރުވި ވަގުތެއް. ފަސެންޖަރުންގެ ތެރޭގައި މަންމަ އިން ކަން ނުވަތަ ނޫން ކަން ކަށަވަރު ކުރަން އަހަރެން އުޅުނު ގޮތް ހިތަށް އަރާފަ މިހާރު، އެކަމާ ހިތާމަވެސް ކުރެވޭ. އެންމެ ފުރަތަމަ އަހަރެން ޤަބޫލު ކުރަމުން ދިޔައީ މަންމަ އެ ފްލައިޓުގަ ނެތް ކަމަށް. ފުރުޞަތު އެބަ އޮތްތާ ދޯ އެކަން އެހެން ވާންވެސް. އެކަމަކު ހަމަ ހިތަށް އަރަނީ، މަންމަ އޭގައި އިންކަން ކަށަވަރު ކުރަން އަހަރެން އެވަރަކުން އުޅުނީމައޭ ފަސެންޖަރުންގެ ލިސްޓުގަ މަންމަގެ ނަން އޮތީ. އެހެންވެސް ވަރަށް ބޮލަށް ބުރަވެފަ ހުންނަނީ. އެކަމާ ހިތާމަ ކުރެވޭ ވަރަށް ބޮޑަށް. ހަމަ ހަނދާންނައްތާ ނުލެވުނު ކަމެއް އެއީ.ޖިއާންގް ހޫއީ؛ އެމްއެޗް-370 އާއެކު ގެއްލުނު ފަސެންޖަރެއްގެ ދަރިފުޅު
އޭނާގެ މަންމަ މިހާރު މި ދުނިޔޭގައި ނެތް ކަމަކަށް ޖިއާންގްއަކަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. ރަސްމީ ސިފައެއްގައި އެކަން އެގޮތަށް ކަނޑައަޅާ، އިޢުލާންވެސް ކޮށްފައި ނެތުމަކީ އެއް ސަބަބެވެ. ހަމަ އެއާ އެކު، މަންމަގެ ހަނދާނުގައި އެއްވެސް ކަމެއް ނުކުރެވޭތީ އެކަމާ އިންތިހާ ދެރަވާ ކަމަށް ޖިއާންގް ކިޔައިދިނެވެ.
10 އަހަރު މި ފާއިތުވީ. އެކަމަކު، ޢާއިލާ މެންބަރުންގެ ޢަމާޒު، އަސްލު މަޤްޞަދަށް އަދިވެސް ބަދަލެއް ނާދޭ: އެއީ ލޯބިވާ މީހުންނާއި ބޯޓު ހޯދުން. އެހެން އޮތް ކަމެއް މީ. ޗައިނާ ސަރުކާރުގެ ރަސްމީ ނިންމުމުގަ އޮތީ އެމްއެޗް-370 ވަނީ އަދިވެސް ގެއްލިފައޭ. ޢާއިލާތަކުން އެ ނިންމުން ބަލައިގަނޭ. އެކަމަކު، އާދަކާދައިގެ ކަމެއް އޮތަކަސް، މަރުވިކަމަށް ރަސްމީކޮށް ކަނޑައަޅާފަ ނެތް އިރު، ކިހިނެއް މިކަންކަމުގަ އަހަރެމެން ބައިވެރިވަނީ. މަންމަ ވަރަށް ހަނދާންވޭ. މަންމަގެ ހަނދާނުގަ އެއްވެސް ކަމެއް ނުކޮށްދެވޭތީ ވަރަށް ދެރަވޭ. އެހެން ގޮތެއްވެސް މިކަމުގަ އޮތްހެންނެއް ހީއެއްނުވޭ. ކުރާ އެއްވެސް ކަމެއް ރަނގަޅު ނޫން ކަމުގެ އިޙްސާސް ކުރެވިފަ ހުންނަނީ.ޖިއާންގް ހޫއީ؛ އެމްއެޗް-370 އާއެކު ގެއްލުނު ފަސެންޖަރެއްގެ ދަރިފުޅު
ގެއްލުނުއިރު އުމުރުން 71 އަހަރުގެ އެ މަންމަ ހިމެނެނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު، ކުއަލަލަމްޕޫރާއި ބީޖީންގްއާ ދެމެދު، 239 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު އެމްއެމް-370 ގައި ތިބި ޗައިނާގެ 153 ރައްޔިތުންގެ ތެރެއިން އެކަކެވެ. އެމްއެޗް-370 ގެއްލުނު ހާދިޘާއަކީ ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ތާރީޚުގައިވެސް މިހާތަނަށް ހިނގާފައި ވާ އެންމެ ހައިރާން ކުރަނިވި އެއް ހާދިޘާއެވެ.
ބޯޓު ވެއްޓުނު ކަމަށް ބެލެވުނު އިންޑިއާ ކަނޑުގެ ދެކުނުގައި 2015 އާއި 2018 ވަނަ އަހަރާއި ދެމެދު، ކަނޑުއަޑި ބަލައިފާސްކުރުމުގެ 2 އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނެވެ.
އެމްއެޗް-370 އަށާއި އެ ބޯޓުން ދަތުރުކުރި މީހުންނަށް ވީ ގޮތެއް، އެއްވެސް މީހަކަށް ބުނެދެވިފައި ނުވާ އިރު، ޖިޢާންގް ދަރިފުޅަށް އެ ވާހަކަތައް ކިޔައިދިނުމަކީ މިއަދު އޭނާ އުފުލާ އެންމެ ބޮޑު އެއް ތަކުލީފެވެ. އަދިވެސް ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކޮށް، ރޮވެއެވެ.
ލޯބިވާ އެތައް ބަޔަކު މި ދުނިޔެއާ ވަކިވެ ގޮސްފައި ވާ ކަން ޤަބޫލު ކުރަން ދަތިވެފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ޖިއާންގް އެކަންޏެއް ނޫނެވެ. އެމްއެޗް-370އާ ގުޅުން ހުރި އެތައް ޢާއިލާއަކުން ދަނީ، އެމްއެޗް-370 ގެއްލުނު ހާދިޘާގެ ތަޙްޤީޤުތައް އަލުން ފެށުމަށް، އޮސްޓްރޭލިއާ، ޗައިނާ އަދި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ، ޕްރެޝަރު ކުރަމުންނެވެ.
ޖިއާންގްގެ އިތުރުން، ޗައިނާގެ އިތުރު 3 މީހަކު ހުކުރު ދުވަހު ވަނީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އޮފީހަށް ގޮސްފައެވެ. އެއީ ބޯޓު ހޯދުމަށް އައު އޮޕަރޭޝަނެއް ފެށުމަށް، މެލޭޝިއާ ސަރުކާރަށް ގޮވާލާ ސިޓީއެއް، ބޮޑުވަޒީރަށް އެރުވުމުގެ ބޭނުމުގައެވެ.
ސާބިތު ހިފޭ އައު ހެކިތަކެއް ފެނިއްޖެ ކަމުގައި ވާ ނަމަ، އޮޕަރޭޝަން އަލުން ފެށުމަށް މެލޭޝިއާ އޮތީ ތައްޔާރަށް ކަމަށް، ހުސްވި ހަފުތާ ތެރޭގައި އަންވަރު ވަނީ ވިދާޅުވެފައެވެ.
ދަތުރު ކުރަން ޖެހޭ ރާސްތާ ނޫން އެހެން މިޞްރާބަކަށް އެމްއެޗް-370 ދުއްވާފައި ވަނީ ގަސްތުގައި ކަމަށް ބައެއް ފަރާތްތަކުން ކުރާ ވަކާލާތު، މެލޭޝިއާގެ ތަޙްޤީޤު ޓީމުން މުޅިން ދޮގުކޮށްފައެއް ނުވައެވެ. ކަން މިހެން އޮތް އިރު، އެފްރިކާގެ އައްސޭރި ފަށުގެ ސަރަޙައްދުތަކާއި، އިންޑިއާ ކަނޑުގެ ބައެއް ޖަޒީރާ ރަށްރަށުން، މަތިންދާބޯޓުގެ ބައިތަކެއް ވަނީ ފެނިފައެވެ. އޮޔާ ލައްގާފައި ވާ ކަމަށް ބެލެވޭ އެ ބައިތަކުގެ ތެރެއިން ބައެއް ބައިތަކަކީ އެމްއެޗް-370ގެ ބައިތަކެއް ކަން މިހާރުވެސް ވަނީ ކަށަވަރު ކޮށްފައެވެ.