ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އަލުން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއްވާހަކަތަކެއްކަން ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ގުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
ގާސިމްގެ ވަކީލުން ވަނީ ބާތިލް ކޮށްފައިވާ މައްސަލައެއްގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވe އިޖުރާއީ ނުކުތާތަކެއް ނަންގަވާފަ އެވެ. އަދި ކުރިން ކުރި ދައުވާގެ ޝަރީއަތް ބާތިލް ކުރި ހިސާބުން، ފަހުން އުފުލި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައި ވާތީ އެފަދައިން އަމަލުނުކުރެވޭނެ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާތަކެއް ވެސް ނެންގެވި އެވެ.
ސިއްރު ކޮށްގެން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމިުން ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ބާތިލްކޮށް ފޮނުވާލާފައިވާ މައްސަލައެއްގައި އަލުން ދައުވާކުރުމަށް ގާނޫނު އަސާސީއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ ދަށުން ތަންނުދޭ ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލަ އަލުން ހުށަހެޅީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން ސާފުކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުންގެ ކިބައިން އެދިފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ފުރަތަމަ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި މައްސަލަ އަލުން ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ގާސިމަށް ލިބުނު ލިޔުމުގައި އަލުން މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިނުވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުނު ލިޔުން ބަލަން ބޭނުންވާ ކަމަށް ގާސިމްގެ ވަކީލުން އެދިވަޑައިގަތުމުން، ގަޑިއެއްހާއިރަށް ޝަރީއަތް މެދުކަނޑާލިއެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަ ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ފެށުމާއެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ވިދާޅުވެފައިވަނީ އަލުން މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުމެއް ލިބިފައިނުވާ ކަމަށާއި އެފަދަ ލިޔުމެއް ލިބުނު ކަމަށް ކުރިން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.
އެ ކަންތައްތަކާ ގުޅިގެން މި ދައުވާއަކީ އޮޅިގެން ކުރެވިފައިވާ ދައުވާއެއް ނަމަ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ އަސާސެއް ނެތް ކަމަށް ހިސާން ފާހަގަކުރެއްވި އެވެ. ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލް ވިދާޅުވީ ގާނޫނުގެ އެއްވެސް ތަނެއްގައި ދައުވާ އަލުން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނެތް ކަމަށާއި މައްސަލަ ހުށަހަޅަނީ އެހެންވެ ކަމަށެވެ.
"ހަގީގަތުގައި ގާނޫނީ އޮނިގަނޑު ހިނގާ ގޮތަކީ ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ ދައުލަތުގެ މުއައްސަސާއަކަށް އެ ގާނޫނުގައި ބަޔާންކުރާ ގޮތަށް މެނުވީ ކަންތައްތައް ކުރުމުގެ ބާރެއް ގާނޫނު އަސާސީން ނުދޭ، އެކަމަކު އެ މަފްހޫމް ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި އޮންނަ އާންމު ރައްޔިތުންނަށް ގާނޫނު މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު މިއޮންނަ އޮޅުވާލާފަ .ޕީޖީއިން މި މަފްހޫމް ގިސާސް ކުރީ، އަޅުގަނޑުމެން ދެކޭ ގޮތުގައި އެބޭފުޅުންނަށް އެ ވިދާޅުވެވެނީ ރަނގަޅު ގޮތަކަށް ނޫން،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރާ އިޖުރާއީ ނުކުތާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޖަވާބުދާރީ ނުވާ މައްސަލަ ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. ހިސާން ވިދާޅުވީ ދައުވާކުރަނީ ޕީޖީއިން ކަމަށާއި ދައުވާ ސާބިތުކުރުމަކީ ޕީޖީގެ ކަމަކަށްވާއިރު ދިފާއުގައި ދައްކާ ވާހަކަތަކަށް ގާނޫނީ ގޮތުން އެއްވެސް ރައްދެއް ޕީޖީގެ ވަކީލުން ނުދޭ ކަމަށެވެ. ހިސާން ވިދާޅުވީ ޕީޖީން ރައްދު ދިނުމުގެ ބަދަލުގައި ފެންނަނީ ގާޒީ ގޮތް ކަނޑައަޅުއްވާ ތަން ކަމަށާއި އެހެންވެ އެކަމަށް އިއުތިރާޒް ކޮށްފައިވާނެ ކަމަށެވެ.
އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުން މުރާޖައާ ކޮށްދިނުމަށް އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާސިމްގެ ވަކީލުން އެދިވަޑައިގެންނެވި އެވެ. އަޑުއެހުން ސިއްރުކުރި ސަބަބު ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ހާމަކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ އަޑުއެހުން ސިއްރުކުރީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބައެއް ފަރާތްތަކުން މަރުގެ އިންޒާރުދެމުންދާތީ ކަމަށާއި އެ މައްސަލަތައް މިހާރު ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ. ގާސިމް ވިދާޅުވީ އެއީ އޭނާ ކުރައްވާ ކަމެއް ނޫން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ހެކިންނާއި ދިފާއުގައި ގާސިމްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.