Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 18:11
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގޫގުލް
ރައްޔިތުންގެ މަޖިލިސް
31 ވަނަ ދުވަހުގެ ޔައުމިއްޔާގައި މަޖިލީހުގެ ޤަވައިދުގައި ނުވެސް ނެތް މާއްދާއެއް!
ޔައުމިއްޔާ ބަލައި ނުގަތުމަށް އެމްޑީޕީން ވަނީ ނިންމާފަ
ހަވާލާދީފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 148 ވަނަ މާއްދާގެ (ކ) އަށް، މިއީ އެ މާއްދާގައި އޮންނަ އަކުރެއް ނޫން
މަޚްލޫފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ ޖުލައި 24 އާއި ޖުލައި 30 އާއި ދެމެދު 7 ދުވަހަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށްބުނެ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، އެ ޔައުމިއްޔާ ބަލައިނުގަތުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ނިމިގެން ދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އަދި އެ މައްސަލަތައް އެގޮތަށް ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދުވަހަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަތައް ރިޔާސަތުން ބޭރުކޮށްލައްވައިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށްކަން އެނގޭ ކަމަށެވެ.

ޖުލައި 31 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގެ ޔައުމިއްޔާގައިވާ ބޮޑު ދެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވަނީ:

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅުއްވި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ސަބަބަކީ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 148 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަ ނުވާތީ" ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، އެ މާއްދާގައި (ކ) ގެ ނަމުގައި އަކުރެއް އެކުލެވިގެން ނުވުން

ޔައުމިއްޔާގައި ރިޢާޔަތް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 148 ވަނަ މާއްދާގައި، މާއްދާގެ މައިގަނޑު ޖުމްލައިގެ އިތުރުން، އިތުރު އެއްވެސް އަކުރެއް ހިމެނިފައެއް ނުވެއެވެ. "ކުއްލި މައްސަލައެއްގެ ނަތީޖާ"، މި ސުރުހީގެ ދަށުން ލިޔެފައިވާ މި މާއްދާގައި ބުނެފައިވަނީ؛ "ކުއްލި މައްސަލައެއްގައި ވޯޓެއް ނެގުމެއް ނުވަތަ ޤަރާރެއް ފާސްކުރުމެއް ނުވަތަ އެނޫންވެސް ނިންމުންތަކެއް ނިންމުމެއް ނޯންނާނެއެވެ. އެ މައްސަލައިގެ ބަހުސުން ދޭހަވަނީ، މެންބަރުންގެ ޚިޔާލު، މައްސަލައިގައި ހުރިގޮތެވެ."، މިހެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސިޓީގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ؛

ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު މަޚްލޫފް ހުށަހެޅުއްވި މަޖިލީހުގެ އިމްތިޔާޒުގެ މައްސަލަ ބަލައިގަނެފައިނުވާ ސަބަބަކީ، "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 157  ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާ" މައްސަލައެއްކަމަށްވުމާއި އެގޮތުން، "ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ  ކަމަކާގުޅޭ މައްސަލައެއް ކަމަށްވުން ލާޒިމު" ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، އެ މައްސަލައިގެ އަސްލު ބިނާކޮށްފައިވާ ހާދިސާ ހިނގާފައިވުމާއި، އަދި އެ ހާދިސާ ހިނގާފައި ވަނީ، 24 ޖުލައި 2017 ވަނަ ދުވަހު ކަމަށްވެފައި، އަޙްމަދު މަޚްލޫފް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، 30 ޖުލައި 2017 ވަނަ ދުވަހުގައިކަން ރަނގަޅަށް އެނގެން އޮތުމާއި  އެހެންކަމުން އެ މައްސަލައަކީ އަސްލު ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 7 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިވާ މައްސަލައެއްކަމަށްވުން

މި ކަންކަން މިހެން ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާ ބަލައިނުގަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް