Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 15:21
ބަންދުކޮށްފައިވާ ބައެއް މެމްބަރުން--
ބަންދުކޮށްފައިވާ ބައެއް މެމްބަރުން--
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ބަންދުގައި ތިއްބެވި މެމްބަރުން މަޖިލީހަށް ހާޒިރުކޮށްނުުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ފާރިސް މައުމޫން ހުންނެވީ ޝަރިއަތް ނިމެންދެން ޖަލު ބަންދުގައި
މެމްބަރުން ވަހީދު، ސައުދު ހުސައިން އަދި އަމީތު ހުންނެވީ 15 ދުވަހަށް ޖަލު ބަންދުގައި
މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް އެ މެމްބަރުން ހާޒިރު ކޮށްފައެއް ނުވޭ

ޝަރުއީ ހުކުމަކާ ނުލައި ޖަލު ބަންދުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރު ކޮށްދީފައި ނުވާތީ، ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.   

އިންތި ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމަބަރުން ކަމަށްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކޯތުގެ ހުކުމަކާއި ނުލައި، ތުހުމަތެއްގައި ކަމަށްބުނެ، މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނާގޮތަށް އެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ސުޕްރީމް ކޯޓުން ގޮތެއް މިހާތަނަށް ކަނޑައަޅާފައި ނުވާކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި، މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އެ މެމްބަރަކު ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރު ވުމުގެ ހައްގު، އެމެމްބަރަކަށް ލިބިގެންވާއިރު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރު ކުރަމުން ނުދިއުމަކީ ގާނޫނާއި އަދި މަޖިލީހުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.

އެ މެމްބަރުން މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރަމުން ނުދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތުއަދާކުރުމަށް ހުރަސްއަޅާފައިވާތީ، ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅާ ކަމަށް އިންތި ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވެއެވެ.  

ޖަލު ބަންދުގައި ފާރިސް ހުންނެވީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތެއްގައި ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ވަހީދު އާއި އަމީތު އަދި ސައުދު ހުންނެވީ އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައިވަނިކޮށް، މަޖިލީހަށް ވަތް މައްސަލައެއްގެ ތުހުމަތުގައި 15 ދުވަހުގެ ޖަލު ބަންދުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް