Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 15:26
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
މުހައްމަދު ޝަރުހާން
ސިފައިން
ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު
ގާނޫނުން ލިބިދޭ ބާރުތައް ބޭނުން ކުރާނީ ގައުމުގެ ލާބަޔާ މަންފާއަށްޓަކައި
ވެރިކަމުގެ ދައުރެއްގެ ފަހުކޮޅުގައި ސިޔާސީ ގޮތުން ގައުމުގެ ހަލަބޮލި ވުމަކީ ރާއްޖޭގައި އަބަދުވެސް ހިނގަމުން އަންނަ ކަމެއް
ސިފައިން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ގައުމީ މަސްލަހަޔަށްޓަކައި

ދިވެހި ސިފައިންނާއެކު އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގައި ގާނޫން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކުރަމުންދާ އިޖުތިމާއީ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހި ސިފައިންނާ އެކީގައި ގާނޫނު ގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބްތައް އަދާކުރުމުގަ އާއި އަދި ސިފައިންގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓަރެއްގެ ހައިސީއްޔަތުން އަދާކުރަން ޖެހޭ ވާޖިބްތައް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ގާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތައް ވެސް އެންމެ ފުރިހަމަ އަށް ބޭނުން ކުރައްވާނެ ކަމަށާއި އަދި އެ ބާރުތައް ބޭނުން ކުރާނީ މުޅި ގައުމުގެ ހެވާ ލާބަޔަށްޓަކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަރިކަމުގެ ނިޒާމް ހިނގަމުންދާ ގޮތުން އަބަދު ވެސް ދައުރެއްގެ ފަހުކޮޅަށްދާއިރު އެދައުރެއްގެ ތެރޭގައި ހިނގާފައި ހުންނަ ތަފާތު ކަންކަމާއި އަދި އާދަކުރާކަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރެވިގެންދާއިރު އަބަދު ވެސް ސިޔާސީ ހަލަބޮލިކަން އައުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތަބީއްޔަތުގައި ހިގަމުން އަންނަ ކަމެއް ކަމަށެވެ.

އެހެން ކަމުން ދިވެހި އަސްކަރީއްޔާއިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ އެކަންކަމަށް ރިޔާޢަތް ކޮށްގެން  ގައުމުގެ ސިޔާސީ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް މިހާރު ވެސް ސިފައިން ފުލުހުންނާ ގުޅިގެން ކުރަމުންދާ މަސައްކަތް އެގޮތުގައި ކުރަން ޖެހޭނެ ކަމަށާއި އަދި ސިފައިކުރާ ހުރިހާ ކަމެއް ވެސް ކުރަނީ ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް