Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 15:03
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް (މެދުގައި) އަދި ޒުވާނުންގެ ހިތްވަރުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން--
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް (މެދުގައި) އަދި ޒުވާނުންގެ ހިތްވަރުގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން--
މުހައްމަދު ފަޒީން
އެމްޑީޕީގެ ޒުވާނުންގެ ހިއްވަރު
މާރާމާރީތައް ހުއްޓުވައިދީ، ޒުވާނުން މިކަމުގައި އެއްބާރުލުން ދިނުމަށް އެދެން: އެމްޑީޕީ
މިއަހަރުގެ މިހާތަނަށް 370 މާރާމާރީގެ މައްސަލަ ރެކޯޑް ކުރެވިފައިވޭ
މާރާމާރީތައް ނުހުއްޓުވޭނަމަ ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް ގޮވައިލި
މާރާމާރީ ހުއްޓުވުމުގައި ޒުވާނުންގެ އެއްބާރުލުން ދިނުމަށްވެސް މީކާއިލް ވަނީ ގޮވާލައްވާފައި

މާލޭގައި ހިންގަމުންދާ މާރާމާރީތަކާއި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންނަށް ގޮވާލުމުގެ  އިތުރުން ޒުވާނުން ވެސް މިކަމުގައި އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ޔޫތު ވިންގުން  ގޮވާލައިފި އެވެ.

އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ ޔޫތު ވިންގް "ޒުވާނުންގެ ހިތްވަރު"ގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި މާރީމާރީ ހިންގުން ވެސް ކަނބޮޑުވާ ދަރަޖައަށް އިތުރުވެ، ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ނޫސްވެރިޔާ ރިލްވާނަށް ވީނުވީއެއް ފުލުހުންނަށް ބުނެދެވިފައެއް ނެތް. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ނަމަވެސް އެކަމަށް ފަންޑު ކުރި ބައެއް ފުލުހުންނަށް ހޯދިފައެއް ނުވޭ. އަދި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން ފުލުހުންގެ ރައްކާތެރިކަމާއި ސިފައިންގެ ރައްކާތެރިކަން އެންމެ ބޮޑަށް އޮތް ސުޕްރީމް ކޯޓު ފަދަ މުއައްސަސަތަކުގެ ކައިރީގައި ތޫނުއެއްޗަކުން ޒުވާނެއް ޒަހަމްކޮށްލިތަން. މިފަދަ ޖަރީމާތައް ނުހުއްޓުވުމަކީ މުއައްސަސާތައް ލަދުވެތިވާންޖެހޭ ކަމެއް،" މީކާއިލް ނަސީމް ވިދާޅުވި އެވެ.

މިކައިލް ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ ތައުލީމީ އަދި ހުނަރުގެ ގޮތުން ވެސް ސަރަހައްދީ އެހެން ގައުމުގެތަކުގެ ފުލުހުންގެ މުއައްސަސާތަކަށްވުރެ ގާބިލް މުއައްސަސާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ސިޔާސީ ނުފޫޒުން މުޅި މުއައްސަސާ ފެއިލްވެފައިވާ މަންޒަރު ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 370 އަށްވުރެ ގިނަ މާރާމާރީގެ މައްސަލަ ރެކޯޑް ކުރެވުފައިވާއިރު، ދިވެހި ރައްޔިތުންގެ އަތުން ނެގޭ ޓެކްސްއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 1.3 ބިލިއަން ރުފިޔާ ޚަރަދު ކުރާއިރު، ރާއްޖޭގައި ހިންގާ މާރާމާރީތައް ނުހުއްޓުވޭ ކަމަށްވާނަމަ ލަދު ގަންނަން ޖެހޭ ކަމަށެވެ. އަދި މިކާއިލް ވަނީ މާރާމާރީގެ ކަންކަން ނުހުއްޓުވޭ ކަމަށްވާ ނަމަ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެން ގޮވާލަން ދިވެހިރާއްޖޭގެ ޒުވާނުންނަށް، ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި، ނިކުންނަވާ މާރާމާރީތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް. މަގްސަދަކީ ޒުވާނުން ނިކުމެ ދިވެހި ދައުލަތް އެކައުންޓަބަލް ކުރުވުން،" މީކާއިލް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް