ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 14:15
ޝަރީއަތުގެ އަޑުއެހުމަކަށް އަމީން ފައިސަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
ޝަރީއަތުގެ އަޑުއެހުމަކަށް އަމީން ފައިސަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ާޔާމީން ބަންދުކުރުން
އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެއްކަކަށް ހާޒިރުނުވެވުމުން ކެންސަލް!
އަމީންގެ މައްޗަށް ދައުވާ އުފުލީ އޮކްޓޯބަރު 20 ވަނަ ދުވަހު
އަޑުއެހުމަށް ތާވަލުކޮށްފައިވަނީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުން
ދައުލަތުން ހުށަހެޅި ތިން ހެކިންގެ ހެކި ބަސް ނަގާ ނިމިފައި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ ދިފާއީ ހެކިންގެ ތެރެއިން ހެއްކަކަށް އަޑުއެހުމަސް ހާޒިރުނުވެވުމުންނެވެ. އެ ހެކިބަސް ދޭން ހުރި މީހާ އެދިފައިވަނީ އެހެން އަޑުއެހުމެއްގައި އޭނާގެ ހެކިބަސް ނެގުމަށެވެ.

އަމީން ފައިސަލްގެ ޝަރީއަތުގައި ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައި އޮތީ ދިފާއީ ހެކީންގެ ހެކި ބަސް ނެގުމެވެ. އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އެއިރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު އެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ބައެއް ކަންކަން ސާފުކޮށްދިނުމަށް ރައީސް ޔާމީން ހާޒިރުކޮށްދިނުމަށް ވެސް އަމީން ފައިސަލްގެ ފަރާތުން އެދިފައިވެއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގާ މިހާރު ވަނީ ނިމިފަ އެވެ. ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރު ހެކިންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް އިއުތިރާޒް ކުރިއިރު، ފާޅުގައި ހެކި ބަސް ދީފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

ޔާމީން ބަންދުކުރި މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އަމީން ފައިސަލުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވައި، ދައުވާ އިއްވާފައި ވަނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ޔާމީން ހައްޔަރުކޮށްގެން އާރަށަށް ގެންގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެ މަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.

ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނިގެން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ދެ ދުވަހެއްގެ މަތިން އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝިދާ ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ. 

- ކޮމެންޓް