Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 13:37
ފާރިސް މައުމޫން
ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ ފަރާތުން އެދުނު ވަގުތީ އަމުރު މިއަދު ނެރެއެއް ނުދިން!
ބަންދުން ދޫކޮށްލުމަށް އެދި ވަގުތީ އަމުރަކަށް
ފާރިސް ހައްޔަރުކުރީ ޖުލައި 18 ވަނަ ދުވަހު
ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އަޑުއެހުން ނިންމާލައިފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް ބުރާސްފަތި ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލުކުރި ނަމަވެސް، ކުރިއަށް ގެންދިޔައީ ހަމައެކަނި ހައްޔަރުކުރަން ނެރުނު އަމުރުގެ މައްސަލަ އެވެ.

އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފާރިސްގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހަމައެކަނި ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް ކުރިއަށް ގެންދިޔައީ ވަގުތު އޮތް ގޮތުން ކަމަށާއި، އަޑުއެހުމުގައި އިސްތިއުނާފްކުރާ ނުކުތާތައް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ފާރިސްގެ ފަރާތުން ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ފާރިސް ބަންދުކޮށްފައިވާ ކަމަށެވެ. ޝަމީލް ވިދާޅުވީ އެ މާއްދާއަކީ މިހާރުވެސް އަމަލުކުރަމުންދާ މާއްދާއެއް ކަމަށާއި އެ މާއްދާ ބާތިލްކުރުމަށް މީގެކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ވެސް ބާތިލް ކޮށްދީފައިނުވާ ކަމަށެވެ.

ދެން ފާހަގަކޮށްފައިވަނީ ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރުނު އިރު އޭނާ ހައްޔަރުކުރުމަށް ޟަރޫރަތެއް ނެތްކަމަށް ބުނާ ނުކުތާ އެވެ. ޝަމީލް ވިދާޅުވީ ހުށަހެޅިފައިވާ ހެކި ގަރީނާއަށް ބަލާއިރުވެސް ފާރިސްއަކީ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތައުމުގެ ސަލާމަތަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ބޭފުޅެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އިތުރަށް ފާހަގަކޮށްފައިވަނީ، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ އެ ކޯޓުން އަމަލުކުރާ އިޖުރާއަތާ ވެސް ޚިލާފަށް ކަމަށް ބުނާ ނުކުތާ އެވެ.

ޝަމީލް ވިދާޅުވީ ކޯޓު އަމުރެއް ނެރެގެން ނޫނީ އަމަލުނުކުރެވޭނެ ކަންކަމަށް އަމުރު ނެރުމުގައި އަމަލުކުރަންޖެހޭނެ އިޖުރާއަތްތަކާއި، އަމުރު ނެރޭނެ ފަނޑިޔާރުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ މަހެއް ވެފައިވާއިރު ވެސް އެ ގަވާއިދު އެކުލަވާލާފައިނުވާކަން ފާހަގަކޮށް، އޭނާ ވިދާޅުވީ ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކްރިމިނަލް ކޯޓުން ނެރޭ އަމުރުތައް ނެރުއްވަނީ އެ ދުވަހަކު ބަންދުގެ މަޖިލިސް ބައްލަވަން އިންނަވާ ފަނޑިޔާރު ކަމަށެވެ. ނަމަވެސް ފާރިސް ހައްޔަރުކުރުމަށް ނެރުއްވި އަމުރު ވަކި ފަނޑިޔާރަކު ނެރުއްވައި، ގެ ބަލާފާސްކުރުމަށާއި ފޯނު ހިފަހެއްޓުމުގެ އަމުރު އެހެން ފަނޑިޔާރަކު ނެރުއްވުމުގައި އަމަލުކޮށްފައިވަނީ ކޯޓުން އަމަލުކުރަމުންދިޔަ އިޖުރާއަތާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން އެދުނު ނަމަވެސް އަޑުއެހުން ނިންމާލީ އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމުމެއް ނެތި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ކޯޓުން ހާމަކޮށްފައި ނުވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޯގަސްޓް 2017 | ބުރާސްފަތި 14:39
މުނާ
ޢަދުލު އިންސާފުގެ އަގު ވަރަށް ބޮޑުވާނެ ފަނޑިޔާރުންނޭ! ﷲ ގެ ޢަޒާބަށް ބިރުވެތިވޭ. މިއަދު އަލިފާނާ ޒައްޤޫމާ ކާންޖެހުނީމަ ނަރަކައަށްވަދެ ކާނިއްޔޭ ބުންޏަކަސް މާދަމާ އެކަން ކުރަން ޖެހުނީމަ ފަސްޖެހޭނެ. އެހެނަސް ގަދަ ބާރުން ތިޔަ ޙަރާން ބަނޑުތަކަށް އެތަކެތި ވައްދަވާނީ ގަދަފަދަ މަލާއިކަތުން. އަނިޔާވެރިކަމާއެކުގަ.