މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގައި ޓެރަރިޒަމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ޝަރީއަތް ސިއްރުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ތާވަލުކުރި އަޑުއެހުން ސިއްރުކުރީ ދައުލަތުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
އެ މައްސަލައިގައި ޓެރަރިޒަމުގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައި ވަނީ ހދ. ނައިވާދޫ، ރިވެލި ޝިމާން ޝަރީފާއި، ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގދ. މަޑަވެލީ، ގަމަރީ އިއުތިޝާމް މުހައްމަދު ސައީދުގެ އިތުރުން ހއ. ހޯރަފުށީ، ވިދުވަރުގޭ ނާސިއު މުހައްމަދުގެ މައްޗަށެވެ.
އެމީހުންގެ މައްޗަށްޕްރޮސެކިއުޓަރ ޖެނެރަލް ދައުވާކޮށް އެ މައްސަލަ ކޯޓަށް ހުށަހެޅީ ޖުލައި 25 ވަނަ ދުވަހު އެވެ.
އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ، އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގެ ދެ ގެއަކާއި އޮފީހެއް ބަލާފާސްކޮށް ބޮން ހެދުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއެކު އެވެ.
ފުލުހުން ބަލާފާސް ކޮށްފައިވަނީ މއ. ކިނާރާހައުސްއާއި، އެނބޫގޯޅީގައި ހުންނަ އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޮފީހާއި، މއ. ނަމޫނާ ގެ އެވެ.
އެތަންތަން ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުގައި އެ މައްސަލައަކީ ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެކެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެތަންތަން ބަލާފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށް ރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށެވެ.
ބަލާފާސްކުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ދޮރު ވައްޓާލައިގެން އެ އޮފީހަށް ފުލުހުން ވަން އިރު، ތިން މީހަކު ގޮވާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެތަނުގެ ތެރެއިން ގޮވާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ ކެމިކަލް، ޓްރައިނައިޓްރޯޓޮލުއީން(ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން އަތުލައިގަތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މއ. ނަމޫނާގެ ބަލާފާސްކޮށް އެތަނުގެ ތެރެއިން ވެސް ފުޅިތަކާއި ދަޅުތަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ޓީއެންޓީ އަތުލައިގަނެފައިވެ އެވެ. މީގެ އިތުރުން ބަލާފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝާ ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތެވެ.
މި މައްސަލައާ ގުޅިގެން ރަސްމީ ސިފައެއްގައި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުން ރާވަމުން ދިޔައީ މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވުމަށެވެ. އެގޮތުން ވެހިކަލްގައި ބޮން ހަރުކޮށްގެން މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ގޮއްވާލުމަށް ރާވާފައިވާ ކަމަށް ބައެއް ފުލުހުންނާ ހަވާލާދީ ރިޕޯޓް ކޮށްފައި ވެއެވެ.