ހުޅުމާލޭގައި ދެމުން ގެންދާ ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފުލުހުންގެ މޮޑެލްތައް ދިރާސާ ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންތަކެއް މެލޭޝިޔާއަށް ވަޑައިގެންފިއެވެ.
ފުލުހުން ބުނީ، ނިމިގެންދިޔަ ޖުލައި މަހުގެ 31ން ފެށިގެން މިއަދު (އޯގަސްޓް 3) ގެ ނިޔަލަށް ދިވެހި ފުލުހުން މެލޭޝިޔާއަށް ކުރާ މިދަތުރުގައި ބައިވެރިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން އާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު މޫސާއާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާގެ އިތުރުން ސީނިއަރ ސިވިލް އޮފިސަރ އަޙުމަދު ސަދީމް ކަމަށެވެ.
މިދަތުރުގައި ދިވެހި ފުލުހުންގެ ޓީމުގައި ހިމެނޭ އޮފިސަރުން މެލޭޝިޔާ ގެ ކަމާގުޅޭ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ހުޅުމާލޭގައި ފުލުހުންގެ ޚިދުމަތް ފުޅާވެގެން އަންނައިރު ތަރައްޤީ ކުރާނެ ވަޞީލަތްތަކާއި ޚިދުމަތް ބެހިގެންދާނެ ގޮތް ބެލުމަށް މެލޭޝިޔާގެ ކުރިއަރާފައިވާ ބޮޑެތި ސިޓީތަކުގައި ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިފައިވާ ގޮތުގެ މަޢޫލޫމާތު އޮޅުން ފިލުވާ، ކަމާގުޅޭ މަޝްވަރާތައް ގެންދަނީ ކުރަމުންނެވެ.
މި ދަތުރުގައި ރޯޔަލް މެލޭޝިއަން ޕޮލިސްގެ ޕްލޭނިންގ ޑިޕާރޓްމަންޓާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި އެތަނުގައި މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއިގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތްތައް ރާވާ ހިންގުމާއިގުޅޭ ގޮތުންވެސް ދިވެހި ފުލުހުން މެލޭޝިއާ ފުލުހުންގެ ގާތުން މަޢުލޫމާތު ހޯދާފައެވެ.
މީގެ އިތުރުން މެލޭޝިޔާގެ 2 ޑިސްޓްރިކް ޕޮލިސް ހެޑްކްއޭޓަރޒްއަށް ޒިޔާރަތްކޮށް ފުލުހުންގެ ޚިދުމަތް ސްޓޭޓް ލެވެލްގައާއި ސިޓީ ލެވެލްގައި ފޯރުކޮށްދެވޭ ގޮތުގެ މަޢުލޫމާތު ދަތުރުގެ ބައިވެރިން ވަނީ ހޯދާފައެވެ. އަދި ފުލުހުންގެ ފެންޑާތައް ނުވަތަ ޕޮލިސް އެކޮމެޑޭޝަންގެ ކަންކަން ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތުވެސް އެފަރާތްތަކުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދިވެހި ފުލުހުންގެ އިސް އޮފިސަރުން މެލޭޝިޔާއަށް ކުރައްވާ ރަސްމީ މިދަތުރުގައި ރޯޔަލް މެލޭޝިއަން ޕޮލިސް އާއި ބައެއް ޑިސްޓްރިކްޓް ޕޮލިސް އަށް ޒިޔާރަތްކުރުމުގެ އިތުރުން ތަޖުރިބާ ހިއްސާކުރަމުން ގެންދާއިރު މެލޭޝިޔާގެ ފުލުހުންގެ ފަރާތުން ދިވެހި ފުލުހުންގެ ޓީމަށް ވަރަށް ރަނގަޅު މެހެމާންދާރީއެއް އަދާކޮށްފައިވެއެވެ.