Advertisement
ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 05:53
ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
މުހައްމަދު ޝަރުހާން
މަޖިލިސް މެންބަރުންގެ މައްސަލަ
ތިން މެންބަރަކު މިރޭ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
ހޮނިހިރު ދުވަހު ގާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ވަނީ އަންގާފަ
ތިން މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވަނީ ޖުލައި 31 ގައި ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފަ
ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވޭ

ރައްޔިތުންގެ މަޖިލިހުގެ ތިން މެންބަރަކު ބުދަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފެވެ. މިތިން މެންބަރުން ފުލުހަށް ހާޒިރުކޮށްފައިވަނީ ޖުލައި 31 ގައި ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ސިފައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައިކަމަށް މެންބަރުން ވިދާޅުވިއެވެ.

ތިން މެންބަރުންނަށްވެސް ވަނީ ގާނޫނީ ވަކީލުންނާއެކު ހިނގަމުންދާ ތަހުގީގަށް ހޮނިހިރު ދުވަހު ހާޒިރުވުމަށް އަންގާފައެވެ.

އިދިކޮޅު މެމްބަރުން ޕޮލިހަށް ހާޒިރުކުރަން ފަށާފައި ވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިއުމަށް ފަހު އެވެ. 

ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ކޮންމެ މެންބަރެއްވެސް ވަނީ ސަރުކާރުން ގަދަ ބާރުން، ވެރިކަމުގައި ތިބުމަށް ކުރަމުންދާ މަސައްކަތްތަކަކީ ގާނޫނާ ހިލާފުކަމެއްކަމަށާއި އެކަންކަން ކުރުމުން ދުރުވުމަށް ގޮވާލައްވާފައެވެ.

'ގާނޫނު އަސާސީއަކީ ވަރަށް މޮޅަށް ހެދިފައިވާ އެއްޗެއް ކަމަށް ވިދާޅުވި ބޭފުޅާ އެއީ އާޒިމާ ޝަކޫރު. އެބޭފުޅާގެ އެޓަރނީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިރު އަޅުގަނޑު ހަނދާންވަނީ، ނޫސްތަކުން ފެންނާނެ، އެ ބަޔާން. އެއަށް ވުރެ މޮޅު ގާނޫނު އަސާސީއެއް ނެތިގެން އޭރު އެ ބޭފުޅާ ވާހަކަފުޅު ދެއްކެވީ. އެއަށް ތައުރީފު ކުރެއްވީ. އެ ބޭފުޅާ މިއަދު ވިދާޅުވީ އޭގައި އެއޮތީ ބޯލްޓް އެޅިފައޭ،" ޖެނެރަލް ދީދީ ވިދާޅުވިއެވެ.

ބުދަ ދުވަހު ލީކްވި ޑީފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އޯޑިއޯއާ ބެހޭ ގޮތުން ޖެނެރަލް ދީދީ ވިދާޅުވީ އެ އޯޑިއޯ އިން އެނގިގެން ދަނީ ސިފައިންގެ ބޭނުން ސަރުކާރުން ނާޖާއިޒް ގޮތުގައި ހިފާ ކަމެކެވެ. 

"ދިފާއީ ބާރަކީ އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލިހާއި ނުވަތަ ސުޕްރީމް ކޯޓާއި ހަނގުރާމަކުރަން ހުންނަ ތަނެއް ނޫން. އެއީ ދިފާއު ކުރަން ތިބޭ ބައެއް،" ދީދީ ވިދާޅުވިއެވެ.

 ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އޮޑި ފައްތާލުމަށް އެ ބޭފުޅުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ޚުދު ރައީސް ޔާމީންވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވަނީ ފުލުުހުންނާއި ސިފައިންނަށް މެސެޖެއް ދެއްވާފައެވެ.

"މާދަމާ އާދަނުވެސް ދާނެ، އަޒްލީންވެސް ދާނެ، ޔާމީނުވެސް ދާނެ. ތި މުއައްސަސާ ހުންނާނެ. ތިޔަ ކުދިން ތިތާ ތިބޭނެ. ތިޔަ ކުދިން އަބުރުވެރިކަމާ، ޝަރަފުވެރިކަމާއެކު ތި މުއައްސަސާ އަޅުގަނޑުމެންނަށް ހަވާލުކޮށްދެއްވާށޭ،" އަރީފު ވިދާޅުވިއެެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް