Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 15:48
މެމްބަރު އަބްދުﷲ ރިޔާޒު ހައިކޯޓަށް ވަޑައިގަންނަވަނީ
މެމްބަރު އަބްދުﷲ ރިޔާޒު ހައިކޯޓަށް ވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު މެމްބަރުން ދެއްވާފައިނުވާތީ ކަންބޮޑުވޭ: އަބްދުﷲ ރިޔާޒު
މަޖިލީހުގެ ފާހާނާއެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވޭ
އެހާދިސާ ހިނގުމުގެ ކުރިން އަދި މިހާރުވެސް ސިފައިން އިތުރުކޮށް މަޖިލީހުގެ ސެކިއުރިޓީ ވަގުގަދަ ކޮށްފައިވޭ
ސީސީޓީވީ ކެމެރާ ހުރީ ނިއްވާލާފަ ކަމުގެ ތުހުމަތު ކުރެވޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު އެނގިހުރެ އެކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންގާފައިނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމަށް ހައިކޯޓަށް ވަޑައިގެންނެވުމަށް ފަހު، ހައި ކޯޓު ސަރަހައްދުގައި ހުންނަވާ އަބްދުﷲ ރިޔާޒު  ވިދާޅުވީ ޑިފެންސް މިނިސްޓަރު އަދާމް ޝަރީފް އުމަރު ވާހަކަ ދައްކަވާކަމަށް ބެލެވޭ އޯޑިއޯއެއްގައި މަޖިލީހުގެ އިދާރާގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން ބަޔަކު އުޅޭކަމަށް މަޖިލީހުގެ ތެރެއިން ވަރަށް ޒިންމާދާރު ފަރާތަކުން ރިޕޯޓް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަން އަންގާފައިނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އޮފިސަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކަ ވަނީ ލީކްވެފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ ޖުލައި 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިފައިންނާއި މަޖިލީހުގެ މެންބަރުންނާމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގައި އެކަން ކޮޅެއްގައި ޖައްސާނެ ކަމަށެވެ.

އެ އޯޑިއޯއާ ގުޅޭ ގޮތުން މެމްބަރު ރިޔާޒު ވިދާޅުވީ މަޖިލީހުގެ އިދާރާގެ އިތުރުން، މެމްބަރުންގެ ސެކިއުރިޓީ ކަންކަން ހަމަޖެއްސުމަކީ ވެސް ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، މެމްބަރުންނަށް ސެކިއުރިޓީ ނުދެއްވާތީ ކަންބޮޑުވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ އިދާރާއަކީ މަޖިލީހުގެ މެމްބަރުންނަށް ބޭނުން ވަގުތަކު ވަދެ ނިކުމެވޭ ގޮތަށް ހުރި ދައުލަތުގެ އެއްބާރު ކަމަށް ވާއިރު، ޓެރެރިޒަމްގެ އަމަލެއް ހިންގަން ބަޔަކު ރާވާނަމަ އެކަން އެންމެ ފުރަތަމަ އަންގަންޖެހޭ އެއް ބަޔަކީ ވެސް މަޖިލިސް މެމްބަރުން ކަމަށެވެ.

ޓެރެރިޒަމްގެ އަމަލެއް ހިންގަން ބަޔަކު ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު ސިފައިންނާއި ހިއްސާކޮށްފައި ވަނިކޮށް، މަޖިލީހުގެ ފާހާނާއެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފަ އެވެ.

އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓަމުންދާ އަދި މިދުވަސް ވަރު، އިތުރު ސިފައިން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީއަށް ނެރެފައި ވަނިކޮށް، އަލިފާނުގެ އެ ހާދިސާއަކީ ބަޔަކު މީހުން ގަސްތުގައި ރާވައި ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ދަނީ ތުހްމަތު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް