މަޖިލީހުގައި ޖުލައި 31 ވަނަ ދުވަހު ހިނގި ކަންކަމާއި ގުޅިގެން ސިފައިން ހުށަހެޅި މައްސަލައިގެ ތަހުގީގަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ގާޒީ އަލީ އާދަމް ސޮއިކުރައްވާ ނެރެފައިވާ ކްރިމިނަލް ކޯޓުގެ އަމުރަކަށް މަހުލޫފުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 31 ޖުލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅާ ސިފައިންނާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރާމާރީ ހިންގާފައިވާތީ ކަމަށް ބުނެ ސިފައިން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސިފައިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަތައް ލީކުވެފައިވާއިރު، އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެ މައްސަލަ ސިފައިންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަ އަވަސް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ދަންނަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އޭނާ ރާއްޖޭގައި ބަހައްޓަން ބޭނުންވަނީ ރާއްޖޭން ބޭރަށް ގޮސްފި ނަމަ ތަހުގީގަށް ހުރަސްއެޅިދާނެ ކަަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.
މިކަމާ ގުޅިގެން މަހުލޫފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ކޮންމެހެން އޭނާގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށާއި އޭނާ އެއްވެސް ވަރަކަށް ރާއްޖޭން ބޭރަށް ދަތުރުކުރެއްވުމަށް ރާވާފައި ވެސް ނެތް ކަމަށެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސްއަށް ކިހިނެތް ލިބުނު މައުލޫމާތެއް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. މައުލޫފް ވިދާޅުވީ ބޭނުންވަނީ، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް ވީހާވެސް ގިނަ ދުވަހު ރާއްޖޭގައި ހުންނެވުމަށް ކަމަށެވެ.
ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ނޫޅުއްވާ ކަމަށް މަހުލޫފް ވިދާޅުވާއިރު ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މަހުލޫފު ފިއްލަވައިގެން ސްރިލަންކާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޮގަސްޓް 2 ވަނަ ދުވަހުން ސެޕްޓެމްބަރ އެއް ވަނަ ދުވަހާ ހަމައަށެވެ.