Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 11:02
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން
ޓްވިޓަރ
ރައީސް ނަޝީދު
މަޖިލިސް ހިސޯރުކޮށް، އަދި އޮޅުވާލާމުންދާތީ ޑިފެންސް މިނިސްޓަރާ މެދު ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު
ޝަރީފް ގެންދަވަނީ މަޖިލިސް މެމްބަރުންނާމެދު ޝަރީއަތް ހިންގޭނެ ގޮތްތައް ރާވަމުން
ޕީޖީއާއި ހޯމަ މިނިސްޓަރ އަދި ޕޮލިސް ކޮމިޝަނަރާ ވެސް ވަނީ މަޝްވަރާކުރައްވާފަ
ޝަރީފް ވިދާޅުވަނީ މެމްބަރުންގެ ކަންތައް ކޮޅެއްގައި ޖައްސާނެ ކަމަށް

ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، އަދި އެކަން އޮޅުވާލަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަސައްކަތް ކުރައްވަމުން ދާތީ އެކަން ބަލައި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެ ހެނދުނު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ހިސޯރުކުރުމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ އޮފިސަރުންނާއި ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި އޮޅުވާލައްވަން މަސައްކަތްކުރައްވާފައި ވާތީ އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ޖުލައި ނިމިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނާއި ސިފައިންނާ މެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގައި އެކަން ކޮޅެއްގައި ޖައްސާނެ ކަމަށް ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވާކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ޖަލްސާގައި ހިނގަދިޔަ ކަންތައްތަކާ ގުޅިގެން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ އޮފިސަރުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އޮފިސަރުންނާ ބައްދަލު ކުރައްވައި ހޯމަ ދުވަހުގެ ރޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލިސް މެންބަރުން މަޖިލީހުގެ ތެރޭގައި ކުށްވެރިނުވާނީ ދައްކާ ވާހަކައަކުންނައި ވޯޓްދޭ ގޮތަކުން ކަމަށެވެ. އަދި އެ ދެ ކަން ފިޔަވައި، މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން ފަދަ ކަންކަމަކީ އެހެން މީހުންނެކޭ އެއްފަދައިން މެންބަރުންގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަންތައްތައް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގައި މިހާރު ހިންގަމުންދާ ކަންތައްތައް ގުޅިފައިވަނީ ސަރުކާރަށް ކުރިން އޮތް މަޖިލީހުގެ ސާފު މެޖޯރިޓީ ގެއްލުމާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ މަޖިލީހުން ބާތިލް ކަމަށް ނިންމާ ބޭރުކޮށްލި މައްސަލައާއެވެ.

މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންނެވެ. ސިފައިން ވަނީ ނިމިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހަށް ވަދެވޭ ގޮތަށް ހުރި ހުރިހާ ދޮރެއްގައި ތަޅު އަޅުވާފަ އެވެ. އަދި 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް