Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 12:28
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމު ރިވެލި ކާނިވަލް ފައްޓަވައިދެއްވަނީ
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމު ރިވެލި ކާނިވަލް ފައްޓަވައިދެއްވަނީ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
ރިވެލި ކާނިވަލް ފެށުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަން ދައްކާލުމަށް ބާއްވާ ''ރިވެލި ކާނިވަލް'' ފަށައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކުރެވޭނެ
އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އާންމުންނަށް ދައްކާލުމަށް ބާއްވާ ޚާއްސަ ''ރިވެލި ކާނިވަލް'' ފަށައިފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ މުޖުތަމައުގެ އެންމެހައި ފަރާތްތަކަށް އިޖުތިމާއީ އެކި ދާއިރާތަކުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު، ރިވެލި ކާނިވާ ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމެވެ.

މިހާތަނަށް ބޭއްވިފައިވާ ރިވެލި ފެސްޓިވަލްތަކުގައި އިސްކަމެއް ދެވިފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމަށެވެ. ނަމަވެސް، މިއަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، އާއިލީ ވެއްޓެއްގައި އެކި މުނިފޫހިފިލިވުމުގެ ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކާނިވަލެކެވެ.

Advertisement

ފެބްރުއަރީ މަހުގެ 15 އަދި 16ގައި ދެ ދަންފަޅިއަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ކާނިވަލުގެ ހަރަކާތްތައް ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން ގެންދެވޭ ހަރަކާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މައުރަޒާއި، އެކި ކުޅިވަރުތަކާއި، މައުލޫމާތު ޑެސްކްތަކުގެ ޒަރީއާއިން ކަމާބެހޭ މައުލޫމާތު ދިނުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިކާނިވަލުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. ހަމަމިއާއެކު ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި މައުލޫމާތުތައް އެއްމާޙައުލަކުން ފޯރުކޮށްދިނުމަކީ މި ކާނިވަލުގެ މުހިންމު އެއް މަގުސަދެވެ. އަދި މިފަދަ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ އެކި ފަރުދުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތާގައި ހިންގުމަށް އިތުރު ހިއްވަރެއް ލިބޭނެ ކަމަށެވެ.

އާއިލާތަކާއި އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މިކާނިވަލުގައި ވީހާވެސް ގިނަ ފަރާތްތަކުންވެސް ބައިވެރިވުމަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް