މިހާރު މިހިނގާ މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތަކާ ސިޔާސީ މީހުންނާ ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށާއި އެކަން ބަލަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަޒްލީން މިހެން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ނުރައްކާތެރި މާރާމާރީ ތަކެއް ހިނގާ ދެމީހަކު މަރުވެފައި ވަނިކޮށް، މީޑިޔާތަކުން ހަޤީގަތް އެކު ނުލެވޭ މައުލޫމާތު ހާމަ ކުރަމުން ދާތީ ރައްޔިތުންނަށް ކަންބޮޑުވުން ލިބޭތީ ކަމަށް ވިދާޅުވެ ސަރުކާރުން ކަންކުރައްވާނެ ގޮތް ހާމަ ކުރެއްވުމަށް އަންގާރަ ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
މިނިސްޓަރ ވިދާޅުވީ މިކަމާ ގުޅިގެން ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި މިހާރުވެސް މިމާރާމާރީތަކާ ގުޅިގެން 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މީގެ ދެހަފުތާއެއް ކުރިއާއި ހަމައަށް ދިވެހިރާއްޖެ އޮތީ ވަރަށް އަމާން އޮމާން ކަމާއެކު ސުލްހަވެރިކަމާއި ވަރަށް ދިވެހިވަންތަ ކަމާއެކު ރައްޔިތުން ދިރިއުޅެމުން ދާ ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ފަހަރަކު އަންނަނީ މުޖުތަމައު ހަލަބޮލިވެ ކަންކަން މެދުވެރިވަމުން ކަމަށެވެ. މިއީ އިއްތިފާގެއްތޯ ނުވަތަ ބަޔަކު ގަސްދުގައި ކުރާ ކަމެއްތޯ އަދި ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"ރެކޯޑް ތަކުން ފެންނަ ގޮތުގައި ސިޔާސީ ގޮތުން ހަލަބޮލިކަން ޤައުމަށް މެދުވެރިވާ ފަހަރުތަކުގައި މިއަންނަނީ މުޖުތަމއު އިތުރަށް ހަލަބޮލިވުމަށް ކަންތައްތަކެއް މެދުވެރިވަމުން. މިއީ އިއްތިފާގަކުން ވާކަމެއްތޯ ނުވަތަ ބަޔަކު ޤަސްދުގައި ރާވައިގެން ހިންގާ ކަމެއްތޯ މިއަށް އަޅުގަނޑަށް އަދި އެއްޗެއް ދަންނަވާކަށް ނޭނގޭ. ހަޤީގަތަކީ ސިޔާސީ ގޮތުން މިދަނޑިަޅުގައި ކަންތައްތަކެއް ހަރަކާތްތަކެއް އިދިކޮޅު ފަރާތްތަކުން ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގައި މިކަހަލަ ކަންތައްތަކެއް އައިމަ މީޑިއާގެ ބައެއް ޒަރީއާތަކުން މިފަދަ މައުލޫމާތުތައް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ހާލު އެބޭފުޅުން ހިއްސާ ކުރައްވަމުން އޭގެ އެންމެ މުއުތަބަރު ނޫން ފަރާތްތަކުން ލިބޭ މައުލޫމާތުތައް ވެސް ޢާއްމު ކުރަމުން ގެންދިއުމުގެ ނަތީޖާއަކަށް ވަނީ ރައްޔިތުންނަށް މީގެ ބިރުވެރިކަމާ ނުރައްކާތެރިކަން އިހްސާސް ކުރަން ޖެހުން.މިހާރު މިދަނީ އިންވެސްޓިގޭޓް ކުރަމުން. ހަޤީގަތުގައިވެސް ސިޔާސީގޮތުން އެއްވެސް މީހަކު މީގައި ނުބައި ރޯލެއް ކުޅެމުންދޭތޯ އަޅުގަނޑުމެން ދަނީ ތަހުގީގް ކުރަމުން. އެހެންވީމާ ސިޔާސީ ގޮތުން މީހަކު ކުރިކަމެކޭ ނުވަތަ ސިޔާސީގޮތުން އެއްވެސް ގޮތަކަށް މީހަކު ބެކިންގ ދޭތޯ، ނުދޭތޯ އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭނީ އިންވެސްޓިގޭޝަން ނިމުނީމަ" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
މިނިސްޓަރ އަޒްލީން މިހެން ވިދާޅުވެފައި މިވަނީ މާރާމާރީތަކާ ގުޅޭ ގޮތުން ރައީސް މައުމޫން ޓެގް ކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ. އެޓްވީޓުގައި ޝައިނީ ވިދާޅުވެފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތާ ރޯކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަޒްލީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރަށް މިފަދަ މާރާމާރީތަކާއި ގުރޫޕް ހަމަލާތައް ދިނުން ހުއްޓުވުމަށްޓަކައި ފުލުހުންނާ ސިފައިން ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި އެފަދަ ފަރާތްތައް ހައްޔަރު ކުރުމުގެ ފަސޭހައަކަށް ރައްޔިތުންގެ ފަރާތުން ވެސް އެފަދަ ފަަރާތްތައް ތިބޭ ތަންތަން ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފުލުހުންނާ ސިފައިން ހަރަކާތެރިވަނީ ހަމައެކަނި ސިޔާސީ ކަންކަން ހުއްޓުވުމަށް ކަމަށް ބައެއް މީޑިޔާތަކުން މައުލޫމާތު ފަތުރާ ކަމަށް ވިދާޅުވެ އެކަމަށް ރައްދު ދެއްވަމުން އަޒްލީން ވިދާޅުވީ މާލޭގައި ހިންގާ މުޒާހަރާތަކާއި ސިޔާސީ ކަންކަމުގެ އިތުރުން މާރާމާރީތައް ހުއްޓުވުމަށްޓަކައި އެކުއެކީގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިޕްރެސް ގައި މިނިސްޓަރ އަޒްލީން ވިދާޅުވީ މިކަންކަން ހުއްޓުވުމަށް އެޅޭނެ އެންމެބޮޑު އެއް ފިޔަވަޅަކީ މަރުގެ ހުކުމް ތަންފީޒް ކުރުން ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެކަމަކަށް އެއްވެސް މަޑުޖެހުމެއް ނާންނަ ކަމަށާއި ވަރަށް އަވަހަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.