ގިނަ އަދަދެއްގެ މީހުންގެ އަތުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ނަހުޒާން ނަސީމުގެ މައްޗަށެވެ. އޭނާ ވަނީ އޯޑަރަށް ތަކެތި ގެނައުމަށް ކަމަށް ބުނެ 77 މީހެއްގެ އަތުން ހަލައްކަ އަށް ވުރެ ގިނަ ރުފިޔާ ނަގާފަ އެވެ.
ނަހުޒާންގެ މައްޗަށްކޮށްފައި ވަނީ މަކަރާއި ހީލަތުގެ ކުށުގެ ދައުވާއެެވެ.
ޕްރީ އޯޑަރގެ ނަމުގައި ހިންގި މި ފޭސްބުކް ޕޭޖުން އިލެކްޓްރޯނިކް ސާމާނާއި ފޯނު ފަދަ ތަކެތި އަގުހެޔޮކޮށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އިންސްޓޯލްމެންޓަށް ދޫކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މީހުން އަތުން ފައިސާ ނެގުމަށް ފަހު އެމީޙާގެ ޚަބަރެއް އެހާ ހިސާބުން ނުވާ ކަމަށް އެ ޕޭޖުން ތަކެތި ގަތް ބައެއް ފަރާތްތަކުން ރާއްޖެއެމްވީއާ ހިއްސާކުރި އެވެ. ޕޮލިހަށް ގުޅާނެ ކަމަށް ބުނުމުން ބައެއް މީހުންނަށް ފައިސާ ދިން ނަމަވެސް ގިނަ މީހުންނަށް އޭނާއާ ގުޅޭ ގޮތް ވަނީ ނުވެފައެވެ.
ޕްރީ އޯޑަރ ފޭސްބުކް ޕޭޖާ ގުޅޭ ގޮތުން ހަ މައްސަލައެއް ހުށަހަޅާފައިވާ ކަން ފުލުހުން ކުރިން ހާމަކޮށްފަ އެވެ.