މިދިޔަ މަހުގެ 16 ވަނަ ދުވަހު ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ)، (54އ) ގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ އެ ތިން މީހުގެ ތެރެއިން އެކަކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މީހަކު މަރާލިކަން އެނގިހުރެ އެކަން ފޮރުވުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން މީހުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތިން މީހުންނަކީ ވެސް ބިދޭސީން ކަމަށެވެ.
އިއްސެގެ މަރުގެ މައްސަލައިގައި ހަ ބިދޭސީއަކު ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އަނެއް ތިން މީހުންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައެއް ނުވެއެވެ.
އިއްސެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ އިއްސެއާ އެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝުމޮން މިއާ (27އ) އެވެ. އޭނާ ވަނީ އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފު ވެފަ އެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާ ދިނުމަށް ޝުމަން މިއާ ބޭނުންކުރި ވަޅި އާއި އިސްމާއީލް އުމަރަށް ހަމަލާދިން އިރު، ޝުމަން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން މިހާރު ވަނީ ހޯދާފައެވެ.
ފުލުހުން ބުނެފައި ވަނީ އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ 16:23 ހާއިރު ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ. ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑު އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޮސެސިން ޔުނިޓްގެ ތެރޭގައި ކަމަށެވެ.