Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 13:19
އަދީބުއާއި ޒިޔަތު
އަދީބުއާއި ޒިޔަތު
ރައީސް އޮފީސް
އެމްއެމްޕީއާރްސީ ޚިޔާނާތް
އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާ، ޒިޔަތުގެ މައްޗަށް އިތުރު 25 ދައުވާ އުފުލައިފި
އަދީބުގެ މައްޗަށް ނުވަ ރަށުގެ މައްސަލައިގައި ދައުވާ
ޒިޔަތުގެ މައްޗަށް 25 ރަށުގެ މައްސަލައިގައި ދައުވާ
ދައުވާތައް ކޮށްފައިވަނީ ވަކިވަކިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގައި ހިމެނޭ ރަށްތަކެއްގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލައިފި އެވެ.

އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައިވަނީ ފުލުހުން ތަހުގީގުކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އަދީބުގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ކުރި ތަހުގީގުކުރި 58 ރަށުގެ ތެރެއިން ނުވަ ރަށެއްގެ މައްސަލައިގަ އެވެ. އަދީބުގެ މައްޗަށް ވެސް ދައުވާކޮށްފައިވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޚިޔާނާތްތެރިވުމުގެ އެ ހުކުމުގެ އިތުރުން، ޓެރަރިޒަމުގެ ދެ ދައުވާއެއްގައި އިއްވި 15 އަހަރުގެ ޖަލު ހުކުމަކާއި 10 އަހަރުގެ ޖަލު ހުކުމަކާއެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބު ގެންދަވަނީ ތަންފީޒް ކުރައްވަމުންނެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ. މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލެވިއްޖެ ކަމަށް އޭސީސީން ބުނެފައިވަނީ ތަހުގީގު ކުރަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭޕްރީލް 30 ވަނަ ދުވަހު އެވެ. 58 ރަށުގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ އެ ދުވަހު ފެށިއިރު، މިހާތަނަށް އެ މަރުހަލާ ނިންމާލެވިފައި ވަނީ، ދައުވާ ކުރި 9 ރަށުގެ މައްސަލައިގަ އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށްލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް