އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ޖަލުގައި ދެމުންދިޔަ އިނާޔަތްތައް ކަނޑާލުމަށްފަހު ކުރިއެކޭ އެއްގޮތަށް މިހާރު އިނާޔަތްތައް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
ޝެއިޚް އިމްރާންގެ އިނާޔަތްތައް ކަނޑާލީ، ރަމަޟާން މަހާ ދިމާކޮށް ގޭބަންދަށް ބަދަލުކުރުމަށް ފަހު ޖުލައި މަހުގެ 2 ވަނަ ދުވަހު އަނބުރާ ޖަލަށް ގެންދިއުމަށް ކަރެކްޝަނުގެ އޮފިސަރުން ގޮސް ތިއްބާ، ރާއްޖެޓީވީއަށް އިންޓަވިއުއެއް ދެއްވުމުންނެވެ.
އަނބުރާ ޖަލަށް ގެންދިއުމަށް ފަހު ޝެއިޚް އިމްރާން އާދައިގެ ގޮޅިއެއްގައި ބަންދުކޮށް، ހުރިހާ އިނާޔަތްތަކެއް ވަނީ ކަނޑާލާފަ އެވެ. އެގޮތުން އާއިލީ ބައްދަލުވުންތަކާއި، ފޯން ކޯލާއި، އެކަހެރި ބައްދަލުވުމާއި، ވިޔަފާރިކުރުން ފަދަ އިނާޔަތްތައް ވަނީ ކަނޑާލާފަ އެވެ.
ކުރިން ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އިމްރާން ބަންދުކޮށްފައި ބެހެއްޓި ނަމަވެސް، ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިމްރާން ބަންދުކޮށްފައިވަނީ އާދައިގެ ގޮޅިއެއްގަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާނަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަނޑާލި އިނާޔަތްތައް މިހާރު ލިބޭނެ ކަމަށާއި، ނަމަވެސް، އޭނާ މިހާރު ވެސް ބަންދުކޮށްފައިވަނީ އާދައިގެ ގޮޅިއެއްގައި ކަމަށެވެ.
އިމްރާނުގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވެފައިވާ ގޮތުގައި ވަކީލު ބައްދަލުވުންތަކަށް އިމްރާން ހާޒިރުކުރަނީ އަތުގައި ބިޑި އަޅުވައިގެން ކަަމަށާއި، އެއީ ކުރިން އަމަލުކުރަމުންދިޔަ ގޮތެއް ނޫން ކަމަށެވެ.
ޓެރަރިޒަމުގެ ދައުވާކޮށް 12 އަހަރަށް ޖަލަށްލާފައިވާ އިމްރާންގެ އަނބިކަނބަލުން ވަނީ އިމްރާން ބަހައްޓާފައިވަނީ ޖަލުގައި ވަނަމެއްގެ ގޮތުން "ޑެތް ރޯ" ނަމަކަށް ކިޔޭ ޔުނިޓެއްގައި ކަމަށާއި އެއީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ބަހައްޓާ ޔުނިޓެއް ކަމަށް ވިދާޅުވެ އެޗްއާރްސީއެމްއަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި ޝެއިޚް އިމްރާނުގެ އަނބިކަނބަލުން އެދިވަޑައިގެންފައިވަނީ، އިމްރާނާ މެދު މާފުށި ޖަލުގައި ކަންކުރެވޭ ގޮތް، އެޗްއާރްސީއެމް އަށް ލިބިގެންވާ ބާރާއި އަދާކުރުމަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، ތަހުގީގުކޮށް ސުލްހަވެރި ހައްލެއް ހޯދައި ދިނުމަށެވެ.
ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެޗްއާރްސީއެމްއިން އެއްވެސް އެއްޗެއް ނުބުނެ އެވެ.