މިއަހަރު ދިވެހި ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާ ބޭފުޅަކަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސަވައިފިއެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންނާއެކު ކޮންމެ އަހަރަކުވެސް ސަރުކާރުގެ ފަރާތުން އަމީރުލްޙައްޖުގެ ގޮތުގައި ބޭފުޅެއް ފޮނުއްވަ އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން 700 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށްދީފައިވާއިރު، އޭގެތެރެއިން 200 ކޯޓާ ވަނީ އިސްލާމިކް މިނިސްޓްރީއަށް ނަގައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީއަށް ނަގާފައިވާ 200 ކޯޓާގެ ތެރެއިން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހިންގަވާ ސަދަޤާތް ފައުންޑޭޝަނަށް 50 ކޯޓާ ދިނުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރުވެސް ސަދަގާތް ފައުންޑޭޝަނަށް 50 ކޯޓާ ދީފައިވާއިރު، ހައްޖު ކޯޓާ އެ ފައުންޑޭޝަނަށް ދީފައިވަނީ އެއްވެސް ގޮތަކަށް އިއުލާންކުރުމެއް، ބީލަމެއްވެސް ބޭއްވުމެއް ނެތި އެވެ.
ހައްޖު ކޯޓާގެ މައްސަލަތަކަކީ މިފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް ދިމާވާ ވަރަށް ބޮޑު މައްސަލެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.
އެގޮތުުން މި އަހަރު ވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ގުރޫޕްތައް އިވެލުއޭޓް ކުރުމަށް ފަހުވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ އެންގި ގޮތާ ޚިލާފަށް ކަމަށާއި އެހެންވެ އެ މިނިސްޓްރީގައި އެކަން ކުރި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް އޭސީސީން ފުުރަތަމަ އެންގުމުން ވެސް ގުރޫޕްތައް ކަނޑައެޅީ އިވެލުއޭޓް ކުރުމެއް ނެތި އެވެ. އޭސީސީގެ އެންގުން ދެވަނަ ފަހަރަށް އައުމާ ގުޅިގެން އިވެލުއޭޓް ކުރުމަށް ފަހުވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އެންމެ ކުރިން ވެސް ކަނޑައެޅި ގުރޫޕްތަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒައީ ގްރޫޕެވެ.