ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 10:05
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ
އަޒުމޫން އަހުމަދު
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް މިއަދުވެސް ބާއްވާނީ ސިއްރުކޮށްގެން!
ބާތިލް ކުރި ގަޒިއްޔާ ނިމުނު ހިސާބުން ފެށުމަށް ވަނީ ނިންމާފަ
މިއަދު މެންދުރު 13:30 ގައި ބާއްވާ އަޑުއެހުން ސިއްރު
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ވެސް ސިއްރުކޮށްގެން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދު ބާއްވާ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން ސިއްރުކޮށްފިއެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ތާވަލު ކޮށްފައި ވަނީ މިއަދު މެންދުރު 13:30 އަށެވެ. އެ އަޑުއެހުމަށް ނަން ނޯޓް ކުރުމަށް ކްރިމިނަލް ކޯޓަށް ދިއުމުން އެ ކޯޓުން ބުނީ މައްސަލަ އެއްކޮށް ސިއްރުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި އާންމުންނަށް އެ އަޑުއެހުމަކަށް ނުވަދެވޭނެއެވެ. ގާސިމްގެ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އާންމުންނަށާއި ނޫސްވެރިންނަށް ހުޅުވާލައިގެންނެވެ. އެހެންނަމަވެސް، އެއަށްފަހު ބޭއްވި އަޑުއެހުން ވެސް ވަނީ ސިއްރުކޮށްފައެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް  ހަމަ އެއްވާހަކަތަކެއްކަން  ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ފެއްޓެވުމަށް ނިންމަވާފައެވެ. އަދި 25 ވަނަ ދުވަހުގެ ރެއަށް ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ.

ނަމަވެސް ގާސިމްގެ ބަލިހާލަތު ހުރިގޮތުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ އަޑުއެހުން ކެންސަލް ކުރައްވާފައެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިންނާއި އާންމުން ނުވައްދާ ސިއްރުކޮށްގެންނެވެ.

 

 

- ކޮމެންޓް