ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 17:55
ހާވާޑް ޔުނިވަރސިޓީގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ
ހާވާޑް ޔުނިވަރސިޓީގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ
ރޮއިޓާސް
ހާވާޑްގެ ދަރިވަރުންނަށް ފުރައްސާރަކުރުން
ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެ، ހާވާޑްގެ ދަރިވަރުންނަށް ފުރައްސާރަކުރި މައްސަލައެއް ހުށަހަޅައިފި
ހުށަހެޅި މައްސަލައިގައި ބުނަނީ އެފަދަ ދަރިވަރުންނަށް ހާވާޑުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް

ފަލަސްތީނުގެ ހައްގުތައް ދިފާއުކޮށް ފަލަސްތީނަށް ތާއީދުކުރާކަމަށް ބުނެ، ހާވާޑް ޔުނިވަރސިޓީގެ ދަރިވަރުންނަށް ފުރައްސާރަކުރި މައްސަލައެއް ހުށަހަޅައިފިއެވެ.

މުސްލިމް ލީގަލް ފަންޑް އޮފް އެމެރިކާ (އެމްއެލްއެފްއޭ)އިން ހާވާޑް ޔުނިވަރސިޓީއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައި ވާއިރު، އެމައްސަލައިގައި ބުނެފައިވަނީ ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުންނާއި، ފަލަސްތީނާއި އަރަބި އަދި މުސްލިމް ދަރިކޮޅުގެ ދަރިވަރުންނަށް އެ ޔުނިވަރސިޓީން ވަރަށް ބޮޑަށް ތަފާތުކޮށް، ފުރައްސާރަ ކުރަމުން ދާކަމަށެވެ.

އެމްއެލްއެފްއޭއިން ބުނަނީ އެފަދަ ދަރިވަރުންނަށް ހާވާޑުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށާއި، އޭގެ ބަދަލުގައި އެކުދިން ތިބެނީ ވަކިން ބަންދު ތަންތަނުގައި ކަމަށެވެ. އަދި ދަރިވަރުންނަށް މުސްތަގުބަލުގައި ހުރި ތައުލީމީ ފުރުސަތުތައް ލިމިޓްކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ބައެއް ފަހަރު އިންޒާރުދޭ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލު ސިފައިންގެ ނުރައްކާތެރި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ހަލުވިކަމާއެކު ގޯސްވަމުންދާ ދަނޑިވަޅެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 26،700އަށްވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލައި، 65،000ށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

ހާވާޑްގެ ދަރިވަރަކު ބުނިގޮތުގައި، އާއިލާގެ ސަލާމަތާމެދު ކަންބޮޑުވުމުގެ އިތުރުން، ކްލާހަށް ހިނގާފައި ދަނިކޮށް ހަމަލާއެއް ދީފާނެކަމުގެ ބިރުވެސް ވަރަށް ބޮޑަށް އޮވެއެވެ. އެއްވެސް ދަރިވަރަކު މިގޮތަށް އުޅެން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މި ނުރައްކާތެރި ހަނގުރާމަ ފެށުނީއްސުރެ، ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ ހާވާޑުގެ މުވައްޒަފުންނާ ދަރިވަރުންނަށް ނަސްލީ ގޮތުން ފުރައްސާރަކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

އެންމެ ފާހަގަކޮށްލެވެނީ ހާވާޑްގައި ޕީއެޗްޑީއަށް ކުރިމަތިލެއްވި ފަލަސްތީނުގެ ޖޯން އަބޫޣައްތާސްއަށް ހާވާޑްގެ ޕްރޮފެސަރު ޖޭސަން ފުރްމަންގެ އަނބިކަނބަލުން އީވް ގަރްބާ ބިރުދެއްކެވި މައްސަލައެވެ. އަދި އެމައްސަލައިގެ އިތުރުން ފަލަސްތީނަށް ތާއީދުކުރާކަން ރަމްޒުކޮށްދޭ ސްކާފެއް ކަމަށްވާ ކޫފިޔާ އަޅައިގެން ހުރި އެހެން ދަރިވަރަކަށް އީވް ގަރްބާ ބަހުގެ ހަމަލާތަކެއް ދެއްވި މަންޒަރުވެސް ވަނީ ފެނިފައެވެ.

މިއީ އެންމެ މިސާލެކެވެ. ހިތާމައަކީ ހާވާޑަކީ އެމެރިކާގެ ގިނަ ތައުލީމީ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާ ކަމަށްވާއިރު، ކޮންމެ ދުވަހަކު ވެސް މިފަދަ ބިރުވެރިކަމެއް ދަރިވަރުން ތަހައްމަލު ކުރަމުން ދިއުމެވެ.

އިސްރާއީލާއި ފަލަސްތީނު ހަނގުރާމަ ފެށުނުފަހުން އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އެމެރިކާގެ ހާލަތު އަދިވެސް އޮތީ ނާޒުކުކޮށެވެ.

- ކޮމެންޓް