ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 21:26
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން --
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން --
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މަސީހުގެ ރިޔާސަތުގައި ދެންވެސް ޖަލްސާއެއް ބޭއްވިޔަކަ ނުދޭނަން: އިދިކޮޅު މެމްބަރުން
މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވަނީ ހުށަހަޅާފަ
މަޖިލީހުން ވަނީ އެމައްސަލަ ސައްހަ ނޫންކަމަށް ނިންމާ މަޖިލީހުން ބޭރުކޮށްލާފަ
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮތްނަމަ މަސްއޫލިއްޔަތުތަކުން މަޖިލިސް ރައީސް ބަރީއަ ވާންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ރިޔާސަތުގައި ދެން ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރި ނަމަވެސް އެކަންކުރިޔަ ނުދެއްވާނެ ކަަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަނީ ހުރަސް އަޅާފައެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވީ މަސީހުގެ ރިޔާސަތުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ފުރުސަތު ދިނުމަކީ މަޖިލީހުގެ ގަވާއިދު ވެސް ތަން ދޭ ކަމެއް ނޫން ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެމައްސަލައަށް ގޮތެއް ނުނިންމެނީސް މަސީހަށް މަޖިލީހުުގެ ރިޔާސަތުގައި އަދި މަޖިލީހުގެ އެއްވެސް ކަމެއްގައި މަސްއޫލުވެ އުޅުއްވުމަކީ މަޖިލީހުގެ ގަވާއިދުން މަނާ ކަމެއް ކަމަށެވެ.  

މީގެއިތުރުން މަޖިލީހުގެ ގަވާއިދުގެ ދަށުން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ތާވަލް ކުރަންޖެހޭ ދުވަސްވެސް ފާއިތުވެގޮސް، ހޯމަ ދުވަހު ބޭއްވި ޖަލްސާއަކީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަންޖެހޭ ޖަލްސާއެއް ކަމަށާއި އެކަން ނުކޮށް މަޖިލީހުގައި އިތުރުކަމެއް އެޖެންޑާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވި ނަމަވެސް އެމައްސަލައަށްވެސް ނޫނުވީއެއް މަޖިލީހުގެ އިދާރާއިން އަންގާފައިނުވާ ކަމަށާއި މަސީހު މަޖިލިސް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މަސީހު ވަދެވަޑައިގެން ޖަލްސާ ކުރިއަށް ގެންދަވާފައިވަނީ ގިނަ އަދަދެއް ސިފައިން ޖަލްސާ ކުރާ މާލަމަށް ވެއްދުމަށްފަހު، ސިފައިންގެ އެހީތެރިކަމުގަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ގާނޫނުއަސާސީ ފުނޑާލައި މަޖިލިސް ހިސޯރުކޮށް، ހިންގަމުންދާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވަން ކޮންމެވެސް އެއް ބަޔަކު އެބަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ގާނޫނުއަސާސީއާއި ގާނޫނު ހަދާ މަޖިލިސް ހިމާޔަތް ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް ވިދާޅުވަމުން މަހްލޫފް ވިދާޅުވީ ކަންކަން ހަމަމަގަށް އެޅުވުމަށް ކުރަމުންދާ މި މަސައްކަތުގެ ތެރެއިން ކުރަން ބޭނުންނުވާ ކިތަންމެ ކަމެއް ކުރަން ޖެހޭ ކަމަށާއި ނަމަވެސް ފަހަތަށް ޖެހެވޭކަށް ނެތް ކަމަށެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އޮތްއިރު، ވޯޓު ނުނަގައި އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އެ މައްސަލައިގައި ސޮއި ކުރައްވާފައިވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރައްވާފައިވާ ސޮއި އޭނާ އަނބުރާ ނަންގަވާފައިވާކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެމެމްބަރުން ގޮނޑި ގެއްލިފައިވާތީ އެ ހަތަރު މެމްބަރުނާއެކު، ޖުމްލަ ފަސް މެމްބަރެއްގެ ސޮއި އެއީ ސައްހަ ސޮޔެއް ނޫންކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައްޖެހޭ 42 މެމްބަރުގެ ސޮއި ހަމަނުވާތީ، އެމައްސަލައަކީ ބާތިލް މައްސަލައެއް ކަމަށް ނިންމާ މަޖިލީހުން ބޭރުކޮށްލާފަ އެވެ.  

- ކޮމެންޓް