ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދިނުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ބެހޭ ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި ފާރިސްގެ އިބްތިދާއީ އަޑުއެހުމުގައި އޭނާގެ ގާނޫނީ ވަކީލު ވަނީ، ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. މައުމޫން ހަމީދުގެ ބަހުގެ ހަމަލާތައް ރައްދުވީ ކަރެކްޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްއަށެވެ.
ހޯމަ ދުވަހުގެ ހެނދުނަށް ތާވަލުކުރި އަޑުއެހުން ހަވީރަށް ފަސްކުރީ ފާރިސްއަށް މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް، ހެނދުނުގެ އަޑުއެހުން ނިމުމާއެކު ކަރެކްޝަނުން ވަނީ ފާރިސް މާފުއްޓަށް ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން މައުމޫން ވިދާޅުވީ ފާރިސް މަޖިލީހަށް ވަޑައިގަތުމަށް ކޯޓުން ފުރުސަތު ދެއްވުމުން ވެސް އެ ފުރުސަތު ނުދީ، ކަރެކްޝަނާއި ޕީޖީއިން ކޯޓަށް ގޮންޖަހާފައިވާ ކަމަށެވެ. މައުމޫން ވިދާޅުވީ ފާރިސްއަށް މަޖިލީހަށް ވަޑައިގެންނެވޭނެ ފުރުސަތު ނުދިނުމުގެ ސަބަބުން ފާރިސްއާއި ފާރިސް ތަމްސީލުކުރާ ރައްޔިތުންގެ ހައްގުތައް ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި، ފުލުހުންނާއި ކަރެކްޝަނުން ކަމަށެވެ. އަދި އެ ދެ މުއައްސަސާއިން ޒިންމާ އަދާކުރުމުގައި ޣާފިލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އަމަލަކީ ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަމަލެއްކަން ފާހަގަކުރައްވައި އެ އިދާރަތަކަށް ފިޔަވަޅު އަޅައި ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ޕީޖީގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޣާފިލުވުމުގެ ސަބަބުން ޕީޖީގެ މަގާމުގައި ހުންނެވުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.
މައުމޫންގެ އެ ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ގާޒީ އިބްރާހިމް އަލީ އެންގެވި އެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ފާރިސްއަށް މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމާ ގުޅޭގޮތުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި، އަދި އެކަމަށް އެއްވެސް ގޮތަކުން ހުރަސްއަޅާފައިވެސް ނުވާނެ ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ފާރިސް ހުންނެވީ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ކަމުން، އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަކީ ކަރެކްޝަނާ ބެހޭ ކަމެއް ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ފާރިސް ހާޒިރުކޮށްގެން ނޫނީ ބައްދަލުވުން ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. ކަރެކްޝަނުން ފާރިސް ހާޒިރުކޮށް ނުދިނުމުން އެ ކޮމެޓީގެ ބައްދަލުވުން ބޭއްވޭ ގޮތް ނުވި އެވެ.