މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޭމްސް ޑައުރިސް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސި ސަފީރު މިގޮތައް ބައްދަލު ކުރައްވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.
ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސަވައި ދެއްވިކަމަށްޓަކައި އިނގިރޭސި ސަރުކާރަށް މިނިސްޓަރ ޢާޞިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ތައުލީމު ހާސިލު ކުރުމަށާއި އެކި ބޭނުންތަކުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައި ކުރެއްވޭނެ ގޮތަށް ވިސާ އެޕްލިކޭޝަން ސެންޓަރެއް އެއްދުވަހުގެ މުއްދަތަށް ޤާއިމް ކުރާނީ އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރުގެ އިތުރުން އިނގިރޭސި ސަފީރު ވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މިބައްދަލު ކުރެއްވުން އޮތީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ މައުލޫމާތުތައް ހިއްސާ ކުރައްވާފައި ވެއެވެ.