އަންގާރަ ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.
އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާގެ އެޖެންޑާގައިވެސް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމާ ސުވާލު ކުރެއްވުމެވެ.
މިނިސްޓަރު ތޯރިގާއި ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ.
މެންބަރު އަބްދުالله ރިޔާޒު، މިނިސްޓަރު ތޯރިގާއި ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސުވާލަކީ "ތ. ކަ ނޑޫދޫ ގިރާސަރަހައްދުގެ މަސައްކަތް ފެށުމަށްފަހު އެމަސައްކަތަށް ބޭނުންކުރާ ޖިއޯބޭގްސްގެ ކޮލިޓީ ދައްކަމުން މަސައްކަތް ހުއްޓިފައިވާތީވެ މިކަން ހައްލުކޮށް މަސައްކަތް އަލުން ފެއްޓުމަށް ނިންމަވާފައިވާ ތާރީހަކީ ކޮބައިތޯ" އެވެ.
ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށްވެސް އެޖެންޑަ ކޮށްފައިވަނީ އަބްދުﷲ ރިޔާޒު، މިނިސްޓަރު ތޯރިގާއި ކުރެއްވުމަށް ހުށަހެޅުއްވި ސުވާލު އެކަންޏެވެ.
ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާގައި ހަމަ ނުޖެހުން ބޮޑުވެ، މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރައްވާފައިވަނީ މަޖިލީހުގެ ރައިސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް މަޖިލީހުން ބުނުމާއި ގުޅިގެންނެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން އެމައްސަލައަށް ވީނުވީގޮތެއް މަޖިލީހުގެ އިދާރާއިން އަންގާފައި ނުވުމާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ހިނގަމުންދާ މައްސަލަތަކާއި ގުޅިގެންނެވެ.
ހޯމަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ވައްދައިގެން ސިފައިންގެ އެހީތެރިކަމާއެކުގަ އެވެ. މީގެއިތުރުންވެސް ގިނަ އަދަދެއްގެ ފުލުހުން މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.