ކަޅުއޮށްފުންމީގެ ނަކަލު ބުދަ ދުވަހުގެ ރޭ މާލެ ގެނެސްފިއެވެ.
ކަޅުއޮށްފުންމީގެ ނަކަލު މުދާ އުފުލާ ބާޖެއްގައި ގެނެސް ބަނދަރުކޮށްފައިވަނީ އެއް ނަންބަރު ފާލަމަށެވެ.
ދިވެހި ސަގާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސްފައިމިވަނީ އާންމުންނަށް ޒިޔާރަތްކުރެވޭނެހެން ހުޅުވައިލުމަށެވެ. އެއީ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކަޅުއޮށްފުންމި މާލެ ގެނެސް ބާއްވާނެ އޮޑި ހަރުގެ އަޅަން ނިންމާފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ވެސް ހުރި މައިދާނުގައެވެ.
ކަޅުއޮށްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.
އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އެ އޮޑީގެ ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.
ތަރިކައާއި ސަގާފަތާއި ބެހޭ މިނިސްޓްރީން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލާނީ ހާއްސަ ރަސްމިއްޔާތަކާ އެކީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަފްތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.