މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދިނުމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ ޝަރީއަތް ފަސްކޮށްފި އެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި އަޑުއެހުމެއް ތާވަލުކުރި އެވެ.
އެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ޝަރީއަތުގެ އަޑުއެހުން ކުރިއަށްދިޔަ ވަގުތު މަޖިލީހުގެ ޖަލްސާއެއް ވެސް ކުރިއަށްދިޔަ ކަން ފާހަގަކުރައްވައި، މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ފާރިސްއަށް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
އެކަމާ ގުޅިގެން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ފާރިސް ބަންދުކޮށްފައިވަނީ ޝަރީއަތް ހިންގަމުންދާ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، ޝަރީއަތް ހިންގަމުންދާ މައްސަލައާ ގުޅިގެން ފާރިސްއަށް މަޖިލީހަށް ވަޑައިގަތުމަށް ހުރަހެއް ނާޅުއްވާނެ ކަމަށެވެ.
ގާޒީ ވަނީ އެ އަޑުއެހުން ހޯމަ ދުވަހުގެ ހަވީރު 5:00 އާ ހަމައަށް މެދުކަނޑާލައްވާފަ އެވެ. ގާޒީ ވިދާޅުވީ އަޑުއެހުން މެދުކަނޑެއްވީ ފާރިސް އަށް މަޖިލީހަށް ވަޑައިގެންނެވޭނަމަ ވަޑައިގަތުމަށް ކަމަށެވެ.
އަޑުއެހުން މެދުކަނޑާލެއްވި ނަމަވެސް، ފާރިސް މަޖިލީހަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ. އެ އަޑުއެހުމަށް ފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ފާރިސް މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
ފާރިސް ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ފުލުހުން ކުރަމުންދާ ތުހުމަތުގައެވެ.
މިކަމާ ގުޅޭގޮތުން ކޯޓުން ނިކުމެވަޑައިގެން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ދަށުން ފާރިސްއަށް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރވިވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ހައްގެއް ކަމަށާއި މި ގަވައިދަކީ ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގަވައިދެއް ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތަކަށް ވަޑައިގަތުން އެއީ ހަމައެކަނި ފާރިސްގެ ހައްގެއްނޫން، ފާރިސް ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެވެސް ހައްގެއް އެއީ. އެރައްޔިތުންގެ ހައްގު ގެއްލިއްޖެ ނަމަ، މުޅި ދިވެހި ދައުލަތުގެ ހައްގުވެސް ގެއްލިގެންދާނެތީވެ އަޅުގަނޑުމެން އެދުނީ ކޯޓުން އެގޮތަށް ނިންމައިދިނުމަށް." މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވި ނަމަވެސް، ފާރިސް ހުންނެވީ ކޯޓުން ކަނޑައަޅާ ގަޑިއަކަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ފާރިސް ހާޒިރު ކުރުމަށް ފަހުގައި ނޫނީ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިޔުމަށް ނިންމާފަ އެވެ.