މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުން ހުއްޓުވައި، ރިޔާސަތުގެ ގޮނޑި މަޖިލީހުގެ މާލަމުން ބޭރުކޮށްފި އެވެ.
ރިޔާސަތުގެ ގޮނޑި މަޖިލީހުގެ ގޯތިތެރޭގައި ބަހައްޓާފައެވެ. ނަމަވެސް، ރިޔާސަތުގެ ގޮނޑި ސެކިއުރިޓީން މަޖިލީހުގެ މާލަމަށް ފަހުން ވެއްދި އެވެ.
ރިޔާސަތުގެ މޭޒުކައިރީގައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން އަތުރާލާފައިވާއިރު ސެކިއުރިޓީ އޮފިސަރުންގެ ގިނަ އަދަދެއްގެ އޮފިސަރުން ވެސް މާލަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރިޔާސަތުގެ ގޮނޑީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އިންނެވިއިރު، އޭނާ މަޖިލީހުގެ މާލަމުން ބޭރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. ރިޔާސަތުގެ ގޮނޑި މަހްލޫފު ނެގުމާއެކު ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް އެ ގޮނޑިގައި އިށީންނެވި އެވެ. އެއަށް ފަހު ގޮނޑި އެކޮޅުކޮޅުން ޖަހައި، ރިޔާސަތުގެ މޭޒުމަތީގައި ބެހެއްޓީ އެވެ.
"މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޖަލްސާ ފެށުން ހުއްޓުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް ގަބޫލް ނުކުރާތީ އާއި މަޖިލީހުގެ މެމްބަރުންތަކެއް ގާނޫނާ ހިލާފަށް ހައްޔަރުކޮށް، އެ މެމްބަރުން މަޖިލީހަށް ހާޒރު ނުކުރައްވާތީ ކަމަށެވެ.
މިއަދުގެ ޖަލްސާއަކީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން ބާއްވަން ތާވަލްކުރި ފުރަތަމަ ޖަލްސާގަ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގައި ތިއްބެވީ، ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ ފޮޓޯފުޅު ހުރި މާސްކް އަޅުއްވައިގެންނެވެ.
މިއަދުގެ ޖަލްސާ ލައިވް ނުކުރާއިރު، ބައެއް މެމްބަރުން ގެންދަވަނީ ފޭސްބުކުންނާއި ޕެރިސްކޯޕުން ލައިވްކުރަމުންނެވެ.