Advertisement
ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 08:39
އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން
އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން
ރައީސް އޮފީސް
ޝަރުޢީ ދާއިރާ
ފާއިތުވި އަހަރު ގާނޫނުތަކުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބެއްދުނު: އުއްތަމަ ފަނޑިޔާރު
ދެމަފިރިން ހޯދާފައިވާ މުދާ އެއްބަސްވުމެއް ނެތަސް ހަމަހަމައަށް ބެހުމާމެދު ގޮތެއް ނިންމީ ނިމިދިޔަ އަހަރު

ފާއިތުވި އަހަރަކީ ގާނޫނުތަކުގައި ހުރި ބާގަނޑުތައް ޝަރުއީ ހުކުމްތަކުން ފޫބެއްދުނު އަހަރެއް ކަަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ޤަޟާއީ އަހަރު 2024" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ އަހަރު ކުރި މަސައްކަތްތަކުގެ ތެރޭގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހޯދާފައިވާ މުދާ ހޯދުމަށް ކުރާ ދައުވާތަކުގައި އެ މުދަލާ ގުޅިގެން އެއްބަސްވުމެއް އެކުލަވާލާފައި ނެތް ނަމަވެސް އެ މުދަލާ ގުޅިގެން ޝަރުޢީ ހަމަތަކުގެ މަތިން ދެމަފިރިންނަށް ހަމަހަމައަށް ބެހުން ހިމެނޭ ކަމަށެވެ. އެކަން އެގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގަޒިއްޔާއަކުންނެވެ.

މީގެ އިތުރުން މަރުގެ މައްސަލަތުގައި ޑީއެންއޭއަކީ އެއަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއްކަމާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުމަށް ސުޕްރީމް ކޯޓުން ހައްލެއް ހޯދާދީފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ޑީއެންއޭ ތަހުލީލަކީ އެ ތަހުލީލުތަކުގެ ޢިލްމާއި ގާބިލުކަން ހުރި ފަރާތްތަކުން އެކުލަވާލާ ސައްޙަކަން ކަށަވަރު ތަހުލީލް ރިޕޯޓެއްނަމަ އެއީ ބުރަދަން ދެވިދާނެ ހަރުދަނާ ޤަރީނާއެއްކަމުގައި ކަނޑައެޅުމެވެ.

Advertisement

މީގެ އިތުރުން މަދަނީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާލާފައިވާ ގޮތުން ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މައްސަލަތައް ލަސްވުމާއި، މައްސަލަތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ދަތިތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކްރިމިނަލް ކޯޓަށް އެކަނިވެސް ނިމިދިޔަ އަހަރު 800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު އެ ކޯޓަށް ޖާގައިގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ 22 ފަނޑިޔާރުން ތަގުރީންކުރައްވާފައިވެއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ މެޑައްޔާއި ޝަރަފުގެ މުގުރު ވެސް ވަނީ އަރުވާފައެވެ. އަދި ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ ހަ ބޭފުޅަކަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް