Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 13:44
އޭޕްރީލް 24 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަން
އޭޕްރީލް 24 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަން
ރާއްޖެއެމްވީ
ބޮން ގޮއްވަން ރޭވުން
މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގައި ދައުވާކުރީ ހަތަރު މީހަކަށް!
ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ
ބޮން ހެދުމަށް ބޭނުންކުރާ ތަކެތި ހޯދި
އޭޕްރީލް 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް

މާލޭގައި ބޮން ގޮއްވަން އުޅުނު މައްސަލައިގައި ދައުވާކުރީ ހަތަރު މީހަކަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކޮށްފައިވަނީ ޝިމާން ޝަރީފާއި، މުހައްމަދު ތަސްލީމާއި، އިއުތިޝާމް މުހައްމަދުގެ އިތުރުން ނާސިއު މުހައްމަދުގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގެ ދެ ގެއަކާއި އޮފީހެއް ބަލާފާސްކޮށް ބޮން ހެދުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއެކު އެވެ.

ފުލުހުން ބަލާފާސް ކޮށްފައިވަނީ މއ. ކިނާރާހައުސްއާއި، އެނބޫގޯޅީގައި ހުންނަ އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޮފީހާއި، މއ. ނަމޫނާ ގެ އެވެ.

އެތަންތަން ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަ ގޮތުގައި އެ މައްސަލައަކީ ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެކެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެތަންތަން ބަލާފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށްރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށެވެ.

ބަލާފާސްކުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ދޮރު ވައްޓާލައިގެން އެ އޮފީހަށް ފުލުހުން ވަން އިރު، ތިން މީހަކު ގޮވާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެތަނުގެ ތެރެއިން ގޮވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލް، ޓްރައިނައިޓްރޯޓޮލުއީން(ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން އަތުލައިގަތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މއ. ނަމޫނާގެ ބަލާފާސްކޮށް އެތަނުގެ ތެރެއިން ވެސް ފުޅިތަކާއި ދަޅުތަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ޓީއެންޓީ އަތުލައިގަނެފައިވެ އެވެ. މީގެ އިތުރުން ބަލާފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝާ ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތެވެ.

މި މައްސަލައާ ގުޅިގެން ރަސްމީ ސިފައެއްގައި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުން ރާވަމުން ދިޔައީ މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވުމަށެވެ. އެގޮތުން ވެހިކަލްގައި ބޮން ހަރުކޮށްގެން މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ގޮއްވާލުމަށް ރާވާފައިވާ ކަމަށް އެ ފުލުހުންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް