Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 10:50
ރާއްޖޭގެ މިިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނަވާޒް ޝަރީފް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަނީ
ރާއްޖޭގެ މިިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނަވާޒް ޝަރީފް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަނީ
ރައީސް އޮފީސް
ނަވާޒް ޝަރީފް
ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެން ދަނޑިވަޅުގައި އިސް އޮފިޝަލުން މަގާމުގެ ނުފޫޒް ބޭނުން ކުރިކަން ހާމަވެއްޖެ
ނަވާޒް އަށް އެނގިވަޑައި ނުގެން އެތައް ލިޔުމެއް އެޕްރޫވް ކުރި

ނަވާޒް ޝަރީފް ރާއްޖެއަށް ވަޑައިގެންނެވި ދަނޑިވަޅުގައި ބޮޑުވަޒީރު އޮފީހުގެ އިސް އޮފިޝަލަކު މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން ނަވާޒް ޝަރީފަށް ގެއްލުންވާ ގޮތައް މަސައްކަތް ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ އޮންލައިން ނޫހަކުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތީ، ސްޕްރީމް ކޯޓުގައި އޭނާގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއްގެ މައްސަލަ ބަލަމުން ގޮސް ހުކުމް ކުރުމަށް ކުޑަތަންވެފައި ވަނިކޮށް ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީންގެ ދައުވަތަކަށެވެ. ދަތުރުފުޅުން އެނބުރި ގައުމަށް ވަޑައިގަތީ، ޖުލައި މަހުގެ 27 ގައެވެ. އަދި ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ނަވާޒް ޝަރީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ޖެހިގެން އައި ޖުލައި 28 ވީ ހުކުރު ދުވަހުއެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ދަނޑިވަޅުގައި ނަވާޒް ޝަރީފަށް ގެއްލުންވާ ގޮތައް ސަރުކާރުގެ ތެރޭގައި ކަންކަން ހިނގާފައިވާ ކަމަށް ބެލެވޭ ކަން ހާމަކޮށްފައިވަނީ އޮންލައިން އިންޓަރނޭޝަނަލް ނިއުސް ނެޓްވާރކް އިން ނެވެ.

އެ ނޫހުގައި ބުނެފައިވަނީ، ނަވާޒް ޝަރީފް ވަޑައިގެން ނެތް ދަނޑިވަޅުގައި ބޮޑު ވަޒީރު އޮފީހުގެ އިސް އޮފިޝަލަކު ގަވައިދާ ޚިލާފަށް ނަވާޒަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ ބޮޑުވަޒީރުގެ ޕްރިންސިޕަލް ސެކްރެޓަރީ، ފަވާދް ހަސަން ފަވާދް، ބޮޑުވަޒީރު ހުއްދަ ދެއްވަން އިންކާރު ކުރައްވާފައި ހުރި 2 އަހަރަށް ވުރެ ގިނަ ދުވަސްވީ، 100 ފައިލް ގެނައުމަށް އަންގާ އެ ހުރިހާ ލިޔުންތަކުގައި އެއްވެސް ޖެހިލުމެއް ނެތި އެއް ދުވަސް ތެރޭގައި ސޮއި ކޮށްފައިވާ ކަމަށެވެ. މި ފައިލް ތަކަކީ ނަވާޒް ޝަރީފް އެޕްރޫވަލް ނުދެއްވާ ހުރި ފައިލް ތަކެއް ކަމަށާއި، މި ލިޔުން ތަކުގައި ޕްރިންސިޕަލް ސެކްރެޓަރީ ސޮއިކުރީ ނަވާޒް ޝަރީފަށް އެނގި ވަޑައިނުގެން ކަމަށް ވެސް މި ނޫހުގައި ވެއެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ޝަރީއަތާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި މަގާމުގެ ޝަރުތުތައް ގެއްލިއްޖެ ކަމަށް ހުކުރު ދުވަހު ކަނޑައެޅީ ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހުކުމާ ގުޅިގެން ނަވާޒް ޝަރީފް ވިދާޅުވީ، މިއީ ގައުމު ހަލުއި ތަރައްގީގެ މަގަށް އަޅުވާފައިވާތީ، އޭނާ އަށް ދިން އަދަބެއް ކަމަށެވެ.

ނަވާޒް ޝަރީފް ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި އިރު އެއްވެސް ފަހަރަކު ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. މީގެ ތެރެއިން ދެ ފަހަރަކު މަގާމު ގެއްލި ވަޑައިގަތީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތަނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް