Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 08:17
ސަމީރު: ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ސަމީރު: ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ސިޔާސީ ބޭފުޅުން ޕޮލިހަށް ހާޒިރުކޮށް ތަހްގީގު ހިންގަނީ ގައުމު ހަލާކުކުރަން:ސަމީރު
ފުލުހުންނާއި ސިފައިންނަށް މަޖިލީހުގެ ތެރެއަކަށް ނުވަދެވޭނެ
މިހާރު އެހަދަނީ ގޯސްމައްޗަށް ގޯސް
ޤާނޫން އަސާސީއަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގަންނަވަންޏާ ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވަން

ސިޔާސީ ބޭފުޅުން ފުލުސް އޮފީހަށް ގެންގޮސްގެން މިހާރު ކުރަމުންދާ ތަހުގީގަކީ ރައީސް އަބްދުﷲ ޔާމީންގެ ބޭނުންވެވަޑައިގެން ޤައުމު ހަލާކު ކުރުމަށް ހިންގާ ތަހްގީގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ސަމީރު ވިދާޅުވީ ފުލުހުން މިހާރު ކުރަމުން އެދާ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށް ފުރުސަތު ނުދެއްވާ ފުލުހުންނާއި ސިފައިން ހިންގި ޤާނޫން އަސާސީއާ ޤާނޫނާ ޚިލާފް ޢަމަލްތަކަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދައްކުވަން ކުރާ މަސައްކަތެއް ކަމަށެވެ. އެކަމަކީ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ކުރައްވާ ސިޔާސީ ކަމެއް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއިން އަދި އެމްއެންޑީއެފުން ޤާނޫން އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެން ތިއްބަވާ އެބޭފުޅުން އެގެންދަވަނީ އެކަންކަން ރަނގަޅު މަގަށް ކުރެއްވޭނެ ކަމަށް ހީކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކުރައްވައިގެން ބަޔާން ނަންގަވަމުން. އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވަފާނެ ކަމަށް ބެލެވޭ ބޭފުޅަކު، މިއީ ރައީސް ޔާމީން ބޭނުންފުޅުވާ ސިޔާސީ މަސައްކަތެއް. މިއީ ޤައުމު ހަލާކުގެ މަގަށް ގެންދެވުމަށް ފުލުހުންނާ ސިފައިން ބޭނުން ކުރައްވައިގެން ރައީސް ޔާމީން ކުރައްވާ ސިޔާސީ މަސައްކަތެއް" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޤާނޫން އަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރައްކާތެރިކަން ބަލަހައްޓާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށާއި ފުލުހުންނާއި ސިފައިނަކީ އެ މަޖިލީހުގެ ތެރެއަށް ވަދެވޭނެ ބައެއް ނޫން ކަމަށެވެ. ރާއްޖޭގެ ތާރީޚުގައިވެސް ފުލުހުންނާ ސިފައިން ރައްޔިތުންގެ މަޖިލީހަށް ވަދެ މިފަދަ ކަމެއް ހިންގާފައި ނުވާކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ފުލުހުންނާއި ސިފައިން މިހާރު އެހައްދަވަނީ ގޯސްމައްޗަށް ގޯސް ކަމަށާއި ސިޔާސީ މީހުން ފަހާ ދުވާ ތާކަށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ ވެގެން ނުވާނެ ކަމަށެވެ.

ދުސްތޫރީ އޮނިގަނޑުގައި ވަނީ މަރުތަޅު ލެވިފައި ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކައަށް އިޝާރަތް ކުރައްވާ ސަމީރު ވިދާޅުވީ ރައީސް ޔާމީން  އިންތިޚާބުވީ މިހާރު މިއޮތް ޤާނޫން އަސާސީގެ ދަށުން ކަމަށާއި އެޤާނޫން އަސާސީއާ އެއްގޮތައް ރައްޔިތުންނަށް ވެރިކަން ކޮށްދެއްވަން އެނގިވަޑައި ނުގަންނަވާނަމަ ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވަން ކަމަށެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް