Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 17:03
ފުލުހުން ބަންދުކޮށްފައިވާ ސަރަހަައްދެއް
ފުލުހުން ބަންދުކޮށްފައިވާ ސަރަހަައްދެއް
މުހައްމަދު ޝަރުހާން
ބޮން ގޮއްވަން ރޭވުން
މާލޭޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ދައުވާ ކޮށްފި
މީހުން އެއްވެއުޅޭ ފަސް ތަނަކަށް ހަމަލާ ދިނުމަށް
ގޮވާތަކެތި އުފައްދަން ބޭނުންކުރާ ކެމިކަލާއި އާލާތްތައް
މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި

މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި އޮފީހެއް ބަލާފާސްކޮށް ބޮން ހެދުމަށް ބޭނުންކުރާ ބައެއް ތަކެތި ހޯދައި، ހަތަރު މީހަކު ހައްޔަރުކުރި އެވެ.

ފުލުހުން ބަލާފާސް ކޮށްފައިވަނީ މއ. ކިނާރާހައުސްއާއި، އެނބޫގޯޅީގައި ހުންނަ އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޮފީހާއި، މއ. ނަމޫނާ ގެ އެވެ.

އެތަންތަން ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަ ގޮތުގައި އެ މައްސަލައަކީ ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެކެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެތަންތަން ބަލާފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް ހިންގުމަށްރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދުމަށެވެ.

ބަލާފާސްކުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ދޮރު ވައްޓާލައިގެން އެ އޮފީހަށް ފުލުހުން ވަން އިރު، ތިން މީހަކު ގޮވާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެތަނުގެ ތެރެއިން ގޮވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލް، ޓްރައިނައިޓްރޯޓޮލުއީން(ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން އަތުލައިގަތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މއ. ނަމޫނާގެ ބަލާފާސްކޮށް އެތަނުގެ ތެރެއިން ވެސް ފުޅިތަކާއި ދަޅުތަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ޓީއެންޓީ އަތުލައިގަނެފައިވެ އެވެ. މީގެ އިތުރުން ބަލާފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝާ ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތެވެ.

މި މައްސަލައާ ގުޅިގެން ރަސްމީ ސިފައެއްގައި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުން ރާވަމުން ދިޔައީ މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވުމަށެވެ. އެގޮތުން ވެހިކަލްގައި ބޮން ހަރުކޮށްގެން މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކުގައި ގޮއްވާލުމަށް ރާވާފައިވާ ކަމަށް އެ ފުލުހުންނާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހއ. ހޯރަފުށީ، ވިދުވަރުގޭ، ނާސިއު މުހައްމަދު ގޭގައި ބަންދުކުރުމަށް ކުރި އަމުރު ޕްރޮސެކިއުޓަރ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނެރުނު ހުކުމުގައި، ޕްރޮސެކިއުޓާރ ޖެނަރަލްއާ ހަވާލާދީ ބުނެފައިވަނީ ދައުވާ އުފުލައި މިހާރު މައްސަލަ އޮތީ ކްރިމިނަލް ކޯޓުގައި ކަމަށެވެ. ނަމަވެސް، އެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ކިތައް މީހުންގެ މައްޗަށް ކަމެއް ބުނެފައި ނުވެ އެވެ.

އެ ހުކުމުގައި ވެސް ބުނެފައިވާ ގޮތުގައި، އެޓިކް އޮފީސް ބަލާފާސްކުރިއިރު، އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް އެތަނުގެ ތެރޭގައި ތައްޔާރުކޮށް، އައިޑީއެއް ހަދާ އެ ގޮއްވާލަން ރޭވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. 

ނަމަވެސް، ހައިކޯޓުން ހުކުމް ކޮށްފައިވަނީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ އެ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅައި އެހެން ފަނޑިޔާރެއް ކަމަށް "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް ހުށަހެޅިފައި އޮންނަ ކޯޓަކަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް