Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 13:24
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުމުގައި މިނިސްޓަރު ނާޒިމް ބައިވެރިވަޑައިގަންނަވަނީ
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުމުގައި މިނިސްޓަރު ނާޒިމް ބައިވެރިވަޑައިގަންނަވަނީ
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި
މިބައްދަލުވުމުގައި ސިއްހީ ހިދުމަތް ސަރަހައްދީ ފެންވަރުގައި ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވޭނެ
ޖުލައި 27 އަދި 28 ވަނަ ދުވަހު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް ވަނީ ބާއްވާފައި
ސިއްހީ ހިދުމަތާއި ގުޅޭ ޑެކްލެރޭޝަނެއް އެކުލަވާލެވޭނެ

ސާކް ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން، ސްރީލަންކާގެ ކޮޅުނބުގައި ފަށައިފި އެވެ.

ސާކްގެ ގިނަ ގައުމުތަކުން ބައިވެރިވާ، މި ބައްދަލުވުމުގައި، ސިއްހަތާ ބެހޭ މުހިއްމު ކަންކަން މަޝްވަރާކުރެވި، ސަރަހައްދީ ފެންވަރުގައި ސިއްހަތު ކުރިއެރުވުމަށް މުހިއްމު ނިންމުންތައް ނިމިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވަޑައިގަންނަވައެވެ.

މިއަހަރުގެ ބައްދަލުވުމުގައި ފަސް ވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ނިންމި މުހިއްމު ކަންތައްތައް ހާސިލު ކުރެވުނު މިންވަރަށް ރިއާޔަތްކޮށް، މިވަގުތަށް މި ސަރަހައްދުގެ ޤައުމުތަކުން، އެންމެ މުހިއްމުކަން ދީގެން ހައްލުކުރަން ބޭނުންވާ ސިއްޙީ މައްސަލަތައް ހިމަނޭ ގޮތަށް އެކުލަވާލެވިފައިވާ "ކޮލޮމްބޯ ޑެކްލެރޭޝަން: ކޯލިންގ ފޯރ އެކްސެލެރޭޓެޑް ޕްރޮގްރެސް އޮން ކީ ރީޖަނަލް ހެލްތު އިޝޫޒް" ތަންފީޒް ކުރުމަށް ޤައުމުތަކުން އެއްބަސްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރުންގެ ބައްދަލުވުމުގެ އިތުރަށް މި މަހުގެ 27 އިން 28 ށް ސްރީލަންކާގެ ކޮލަންބޯގައި ބޭއްވުނު ޤައުމުތަކުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުގައި ވެސް  ސަރަހައްދީ ސިއްހީ ދާއިރާގައ ހުރި މުހިއްމު ކަންކަން ފާހަގަކޮށް، ސިއްހީ ހިދުމަތް ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސަރަހައްދީ ގޮތުން ސިއްޙީ ކުރިއެރުން ގެނައުމަށް އަމާޒުކުރެވިގެން ތައްޔާރުކުރެވުނު މި ޑެކްލެރޭޝަންގައި ހިމެނޭ މުހިއްމު ކަންތައްތަކަކީ، ކުދިން ހެދިބޮޑުވުމަށް ކުރާ ނޭދެވޭ އަސަރު ނައްތާލުމަށް މައިންނަށާއި ކުދިންނަށް ރަނގަޅުކާނާ ދިނުމުގެ ކަންކަން ކުރިއެރުވުމާއި، ސާފުތާހިރުކަން ކުރިއެރުވުމާއި، ގައިންގައަށް އަރާ ބަލިތަކާއި، ގައިން ގައަށް ނާރާ ބަލިތަކާއި، މަދިރިން ޖެހޭ ބަލިތަކާއި، މޫސުމަށް އަންނަ ބަދަލާ ގުޅިގެން އިންސާނުންގެ ސިއްހަތަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކާ ގުޅޭ ގޮތުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުން ހިމެނެ އެވެ. މީގެ އިތުރުުން  ބޭސްވެރިކަމެއް ހިމެނޭ ގޮތަށް ގައުމުތަކުގެ ސިއްހީ ނިޒާމުތައް ހަރުދަނާ ކުރުމާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ރިސާރޗް ހެދުމަށް އެއްޤައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ހާއްސަކޮށް މަދިރީގެ ޒަރީއާއިން ފެތުރޭބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިއްމު ރިސާރޗްތައް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

މިކަންކަމުގެ އިތުރަށް، ބިދޭސީ މަސައްކަތްތެރިން ގައުމުތަކުގެ އިގްތިސޯދީ ގޮތުން ގެނެސްދޭ ފައިދާ ފާހަގަކޮށް އެފަރާތްތަކުގެ ސިއްހަތުކުރިއެރުވުމަށް ގައުމުތައް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މި ޑެކްލެރޭޝަންގެ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ހިމެނިފައި ވަނީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ސާރކް ގައުމުތައް އެއްކޮށް މަސައްކަތް ކުރުމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް