Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 06:05
އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މެމްބަރުން ހައްޔަރުކުރުން
ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: އިބޫ
މެމްބަރުންގެ މައްޗަށް ހަތަރު ކަމެއް ފުލުހުން ތުހުމަތު ކުރޭ
ހުއްދަ ނޫން ތަނަކަށް ވަނުން މަނާ ތަނަކަށް ވަނުން، ފުލުހުންގެ ސަފުތައް ފަޅާލުން
ގާނޫނީގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމާއި މާރާމާރީ ހިންމުމަށް މަގުފަހިކޮށްފައިވާކަމުގެ ތުހުމަތުވެސް ހިމެނޭ

މިމަހުގެ 24 ވަނަ ދުވަހު ވަދެވަޑައިގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މި މަހުގެ 24 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް މަގުމަތިން ތަކުރާރުކޮށް ފުލުހުން ހުރަސް އަޅާފައިވާއިރު، އެ މެމްބަރުން މަޖިލީހަށް ވަޑައިގަތީ ފުލުހުންގެ ސަފުތައް ފަޅާލާފައި ކަމަށް ފުލުހުން ވަނީ ތުހްމަތުކޮށް، ޖިނާއީ ތަހްގީގެއް ފަށައިފަ އެވެ.

މި މައްސަލައިގައި ހުކުރު ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، މަޖިލީހުގައި އެންމެ ގިނަ ދުވަސްވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިދާޅުވީ ގާނޫނުލްއުގޫބާތާއި ހަވާލާދީ ހަތަރު ތުހުމަތެއް ފުލުހުން ކުރަމުންދާ ކަމަށެވެ.

"ހުއްދަ ނޫން ތަނަކަށް އަޅުގަނޑުމެން ވަތްކަމަށް ތުހުމަތު ކުރެވޭތީ އެކަމާބެހޭގޮތުން ފުލުހުން ސުވާލު ކުރީ. އަޅުގަނޑުމެން އެދުވަހު ކަންތައް ކުރިގޮތުގެ ތަފްސީލް ވަރަށް ސާފުކޮށް ތަހުގީގަށް ކިޔާދީފައިވާނެ. ގާނޫނުލްއުގޫބާތުގެ ހަތަރު މާއްދާއަކާއި ހަވާލާދެއްވާ ތަހުގީގުގައި ސުވާލުތައްކުރީ. އޭގެ ތެރޭގައި، ފުލުހުންގެ ސަފު ފަޅާލާފައިދިޔަ ކަމަކާއި، ގާނޫނީގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އަޅުގަނޑުމެން ހުރަސް އެޅި ވާހަކައަކާއި ހުއްދަނޫން ތަނަކަށް ވަތް މައްސަލައަކާއި، މާރާމާރީ ހިންގާ އެކަހަލަ ކަންތައްތަކަކަށް ފަހިވާ ޒާތުގެ ކަންތައްތަކެއް އެދުވަހު ހިންގާފައިވާކަމަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެއިން އެއްވެސް ކަމެއް އެ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި އެއްވެސް މެމްބަރަކު ކުރައްވާފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން އެތަނަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން މަޖިލީހުގައި އެދުވަހު ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، އަޅުގަނޑުމެން އެއްބަސް ވެގެންދިޔަ ދިޔުމެއްއެއީ. އޭގެ ތެރޭގައި ފުލުހުން އެތުހުމަތު ކުރާ އެއްވެސް ކަމެއް އަޅުގަނޑުމެން ހިންގާފައިނުވާނެ ކަމާއި ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވަރަށް ސާފުކޮށް ކިޔާދީފައިވާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫގެ ގާނޫނީ ވަކީލު އިސާން ހުސައިން ވިދާޅުވީ ފުލުހުން ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އޭގައި އެކުލެވިގެންވާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އެންމެ ފުރަތަމަވެސް ތަހުމަތު އެކުރައްވަނީ ހުއްދަނޫން ތަނަކަށް ވެއްނެވި ކަމަށް ބުނާ ތުހުމަތު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވެއްނެވުމުގެ ހުއްދައަކީ ގާނޫނީ ގޮތުން އޮތް ހުއްދައެއް ކަމަށާއި މިމައްސަލަ ފެންމަތިވީ ފުލުހުން ގާނޫނާއި ހިލާފަށް އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވަންޖެހޭ ކަމަކީ އެމުއައްސަސާގެ ތެރެއިން ގާނޫނާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރަށް ހުރަސްއެޅި މައްސަލަ ތަހުގީގު ކުރެއްވުން. އޭގެ ކުރިން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އެހެން އެއްވެސް މައްސަލައެއް އެބޭފުޅުން ތަހުގީގު ކުރައްވަންޖެހޭ ކަމަކަށް،" ހިސާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނުން މަނާކުރާ އެއްވެސް ގާނޫނެއް ނެތްއިރު، އެ ދުވަހު މަޖިލީހުގެ އިދާރާއިން މެމްބަރުން ބޭރުކުރީ ސިފައިންނާއި ފުލުހުން ވަދެ ގަދަބާރުގެ ބޭނުން ކޮށްގެންނެވެ. މި މަހުގެ 24 ވަނަ ދުވަހު ފިޔަވައި، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުލުހުން މަޖިލީހުގެ އިދާރާއަށް އެގޮތަށް ވަދެވަޑައިގެންފައި ނެތެވެ.

ފުލުހުން ބުނެފައިވަނީ އެ ދުވަހު މަޖިލީހުގެ އިދާރާއަށް ސްޓާފޯސްގެ ފުލުހުން ވަނީ އެމްއެންޑީއެފުން އެހީތެރިކަމަށް އެދިގެންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް