ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 14:18
ދިއްގަރު ދާއިރާގެ މެންބަރު، އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެންބަރު، އިކްރާމް ހަސަން
މަޖިލިސް
ކޮރަޕްޝަންގެ އަމަލުތައް
ކުރީގެ ރައީސް ސާލިހު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް: މެންބަރު އިކްރާމް
ޒަމާނުއްސުރެ، ކޮރަޕްޝަނުގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވެގެންދަނީ ސަރުކާރުގައި ތިއްބަވާ މަތީފަންތީގެ ސިޔާސީ ބޭފުޅުންނަށް
ނިމިދިޔަ ސަރުކާރުގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވޭ
ގައުމު ހިންގުމުގައި ދެފުށް ފެންނަ ނިޒާމަކުން މަސައްކަތް ކުރަންޖެހޭ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ، ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވެގެންދަނީ ސަރުކާރުގައި ތިއްބަވާ މަތީފަންތީގެ ސިޔާސީ ބޭފުޅުންނަށް ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުގައި މިފަދަ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރުމަށް ޖާގަ ދެއްވާފައި ނުވާކަމަށް އިކްރާމް ވިދާޅުވިއެވެ. ރައީސް ސާލިހާމެދު އިދިކޮޅު ފަރާތްތަކުން އެކިއެކި ތުހުމަތުތައް ކުރެއްވިނަމަވެސް އެމަނިކުފާނު ކޮރަޕްޝަންފަދަ އަމަލެއް ނުކުރައްވާނެ މކަމުގެ ޔަގީންކަން އެބައޮތްކަމަށް އިކްރާމް ވިދާޅުވިއެވެ.

ތި ފާހަގަކުރެއްވި ގޮތަށް، ރާއްޖޭގަ ސިޔާސީ މަތީފަޑީގަ ތިއްބަވާ ބޭފުޅުންގެ ބޮޑަށް ކޮރަޕްޝަންގެ ކަންކަން ފެނިފަ މި ވަނީ. ނަމަވެސް މިދިޔަ ސަރުކާރުގަ އަޅުގަނޑު ހަމަ ވަރަށް ޔަގީންކަމާއެކު ދަންނަވާނަން، ރައީސް ސާލިހު ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އެއްވެސް ވަރަކަށް ރައީސް ސާލިހުގެ ފަރާތުންނެއް އެކަހަލަ މަންޒަރެއް ނެތް ފެނިފައެއް. އެކި ބޭފުޅުން އެކި ބޭފުޅުންނަން ހައްދަވައިގެން ކީ ކަމުގަ ވިޔަސް، އަޅުގަނޑު ނުދަންނަވާނަން ރައީސް ސާލިހުގެ ހިފޭނެ އެންމެ ކަމެއްވެސް އޮންނާނެއޭ.
ދިއްގަރު ދާއިރާގެ މެންބަރު، އިކްރާމް ހަސަން

ނިމިދިޔަ ސަރުކާރުގައި ރައްޔިތުން ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ކޮށްފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އިކްރާމް ވިދާޅުވީ، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރި ކަމަށެވެ. މި ދާއިރާތަކަކީ އެތައް ޒަމާނެއް ވަންދެން މުސާރައަށް ހެޔޮ ބަދަލުތަކެއް އައިސްފައިނުވާ ދާއިރާތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުން ކުރި މަސައްކަތުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލްސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިކްރާމް ވިދާޅުވީ ރާއްޖެއަށް ލިބޭ ފައިސާއިން ރާއްޖެ ބިނާކުރަންޖެހޭ ކަމަށާއި، ހުރިހާ ދާއިރާއެއްގެ މުސާރަތައް ބޮޑުކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުން ރަނގަޅުވެ، ލިބޭ އާމްދަނީ އިތުރުވާނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށާއި، ގައުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި ދެފުށް ފެންނަ ނިޒާމަކުން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މިފަދަ ގޮތަކަށް ގައުމުގެ ކަންކަން ބައްޓަން ކުރެވިއްޖެނަމަ މައްސަލަތައް މަދުވެ، ކޮރަޕްޝަން އޮންނަ ފުރުސަތު ކުޑަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް