މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އަމީތުގެ ބަންދަށް 15 ދުވަސް ޖަހާފައި މި ވަނީ ބުރާސްފަތި ދުވަހުގެރޭ އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަމީތު ހައްޔަރު ކުރީ އޭނާ ގޭގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ގޮހެވެ.
އަމީތު ހައްޔަރުކޮށްފައިވާއިރު މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ.
އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ،ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައިވާތީ އެވެ.
އަމީތު ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ"ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް،ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.
އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާއި ހެކިންގެ ހެކިބަހެވެ.
އަމީތު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އަމީތުގެ ގޮނޑި ގެއްލުނު ކަމަށް ބުނެފައެވެ.