"ގޯ ނަވާޒް ގޯ" ނުވަތަ "ދޭ ނަވާޒް ދޭ" މިއީ، ނަވާޒް ޝަރީފްގެ ވެރިކަމާމެދު ހިތްހަމަ ނުޖެހުނު ގިނަ އަދަދެއްގެ އާއްމުންނާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުން ފާއިތުވެ ދެ އަހަރެއްހާ ދުވަހު ގޮވަމުން ދިޔަ ގޮވެއްޔެވެ. ނަވާޒް ޝަރީފްގެ ކަރަޕްޝަންއާ ދެކޮޅަށް ބޭއްވުނު މުޒާހަރާތަކާއި އެއްވުންތަކުގައި އެއް އަޑަކަށް ގުގުމާލާފައި އޮންނަނީ "ގޯ ނަވާޒް ގޯ" އެވެ. ކަރަޕްޝަންގެ މައްސަލަތައް ފެންމަތިވެ ޕާކިސްތާނުގެ ސިޔާސީ މަސްރަހް ހޫނުވެގެން ދިޔަ ދަނޑިވަޅުގައި، ޕާކިސްތާން މުސްލިމް ލީގުގެ ވެރިޔާގެ މަގާމުގައިވެސް ހުންނެވި ނަވާޒް ޝަރީފް ވަނީ "ގޯ ނަވާޒް ގޯ" ކިޔުން ހުއްޓާލުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ނަވާޒް ވިދާޅުވީ، އެ ގޮތައް "ގޯ ނަވާޒް ގޯ" ކިޔުމަށްވުރެ "ކަމް ކަމް" ކިޔުން މާރަނގަޅު ވާނެ ކަމަށެވެ.
މި ސްލޯގަން ގެ އަޑު ގަދަވަމުން ގަދަވަމުން ގޮސް އެންމެ ފަހުން ޕާކިސްތާނުގެ ސްޕްރީމްކޯޓުން ނަވާޒް ޝަރީފްގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތުތަކަށް ހުކުރު ދުވަހު ހުކުމް އިއްވައިފިއެވެ. ސްޕްރީމް ކޯޓުން ފަނޑިޔާރުންގެ އިއްތިފާގުން ނަވާޒް ޝަރީފްގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ތުހުމަތުތައް ސާބިތުވާ ކަމަށް ކަނޑައަޅާ، މަގާމުގެ ޝަރުތުތައް ގެއްލިޖެކަމަށް ބުނެ ފަހުބަސް އިއްވައިފިއެވެ. އެއާއެކު ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ހުކުރު ދުވަހުގެ މެންދުރު ވަގުތު ކުރި ހުކުމާއެކު ނަވާޒް ޝަރީފަށް ޕާކިސްތާނުގެ ބޮޑުވަޒީރު ކަން ކުރައްވަމުން ގެންދެވި ތިންވަނަ ދައުރު ކުއްލި ގޮތަކަށް ނިމިގެން ދިޔައީއެވެ. ނަވާޒް އަށް މަގާމް ގެއްލިވަޑައިގަތް އިރު ދައުރުގެ ބާކީ އަހަރެއްހާ ދުވަސް ކުރިއަށް އެބައޮތެވެ. އަހަރެއްހާ ދުވަހު އިތުރަށް މަގާމުގައި ހުންނެވުނު ނަމަވެސް ނަވާޒް ޝަރީފް ވެވަޑައިގަންނަވާނީ ޕާކިސްތާނުގެ 69 އަހަރުގެ ތާރީޚުގައި ބޮޑުވަޒީރަކު މަގާމުގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ ފަރާތުގެ ގޮތުގައެވެ.
މީހުން ތޮއްޖެހިފައިވާ ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު، އީޖާޒް އަފްޒަލް ޚާން ހުކުރު ދުވަހު މެންދުރު އިއްވެވި ހުކުމުގައި ވިދާޅުވީ، ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން މިއާން މުހައްމަދު ނަވާޒް ޝަރީފް ޑިސްކޮލިފައި ވެއްޖެ ކަމަށް މިހާރުން މިހާރަށް އެންގުމަށާއި، އޭގެ ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އޭނާ ހުންނެވުން ނިމުމަކަށް އަންނާނެ ކަމަށެވެ. ނަވާޒް ޝަރީފްގެ މައްޗަށް އިއްވި ހުކުމަކީ ސްޕްރީމް ކޯޓު ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނަވާޒް ޝަރީފަށް މަގާމު ގެއްލިވަޑައިގެންނެވި އިރު، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ އެމަނިކުފާނުގެ ޕާޓިއަށެވެ. ޕާކިސްތާން މުސްލިމް ލީގް – އެން، އަށް މިހާރު އޮތީ ދައުރުގެ ބާކީ ބަޔަށް ބޮޑު ވަޒީރަކު އައްޔަން ކުރުމެވެ.
ނަވާޒް ޝަރީފްގެ މައްޗަށް ސްޕްރީމް ކޯޓުން ބެލި މައްސަލައަކީ، މަޝްހޫރު "ޕެނަމާ ޕެޕާސް" އިން ހާމަވި މައުލޫމާތުތަކުގައި ހުރި ނަވާޒް ޝަރީފްއާއި އޭނާގެ އާއިލާއިން ހިންގަވާފައިވާ ކަރަޕްޝަންގެ އަމަލު ތަކެވެ. މިއީ ބޮޑުވަޒީރު ކަމުގެ ކުރީގެ ދެ ދައުރުގައި އޭނާ ހިންގަވާފައިވާ ކަންތައް ތަކެކެވެ. ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަތައް ފެންމަތި ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިދިކޮޅު ލީޑަރު އިމްރާން ޚާން ވިދާޅުވަމުން ގެންދިޔައީ އިނގިރޭސި ވިލާތުގައި ހުރި ނަވާޒް ޝަރީފްގެ އާއިލާގެ އިމާރާތްތައް ހޯއްދަވާފައިވަނީ، ކަރަޕްޓް ފައިސާއިން ކަމަށެވެ. ޕެނަމާ ޕޭޕާސް ގައި ފާހަގަ ކޮށްފައިވާ ނަވާޒް ޝަރީފް ހިންގަވާފައިވާ ކަރަޕްޝަންގެ އަމަލުތައް ބެލުމަށް ސްޕްރީމް ކޯޓުން ވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް މީގެ ކުރިން އުފައްދާފައެވެ. އެ ކޮމިޓީގެ މައިގަނޑު މަސައްކަތަކަށް ވީ ބޮޑު މުއްސަނދި ކަމެއް ނަވާޒް ޝަރީފްއާއި އާއިލާއިން ހޯއްދެވި ގޮތް ބަލާ ދިރާސާ ކުރުމެވެ. އަދި ހުކުރު ދުވަހު އިއްވި ހުކުމަކީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމްގެ ހޯދުންތަކުގެ އަލީގައި ސްޕްރީމް ކޯޓުން އިއްވި ހުކުމެކެވެ.
ހުކުރު ދުވަހު ސްޕްރީމް ކޯޓުން ކުރި ހުކުމުގައި، މަގާމުން ދުރުކުރުމުގެ އިތުރުން ނަވާޒް ޝަރީފް އާ އޭނާގެ ތިން ބޭފުޅުންނާ ދެކޮޅަށް ޖޮއިންޓް ކޮމިޝަނުން ހޯދާފައިވާ ހެކި، ހަމަސް ދުވަހުގެ ތެރޭގައި ނޭޝަނަލް އެކައުންޓަބިލިޓި ކޯޓަށް ހުށަހަޅާ ކަރަޕްޝަންގެ ޝަރީއަތް ހިންގުމަށް އަންގާފައިވެއެވެ. ސްޕްރީމް ކޯޓުން ބުނެފައިވަނީ، ނަވާޒް ޝަރީފްގެ އިތުރުން ފައިނޭންސް މިނިސްޓަރ އިސްހާގް ދާރް މައްޗަށްވެސް ޚިޔާނާތްތެރި ވުމުގެ ދައުވާ އުފުލޭނެ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމުން ޕާކިސްތާނުގެ ފައިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްހާގް ދާރުގެ މަގާމުވެސް ގެއްލޭނެއެވެ.
ހުކުމާ ގުޅިގެން ޖަމާއަތުލް އިސްލާމީގެ ލީޑަރ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމަށް އިތުރު ބާރެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހުމަކީ ހަގީގީ ޑިމޮކްރަސީއަކަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ޕެނަމާ ޕޭޕާސްގެ ގޮތުގައި މަޝްހޫރުވި ލިޔުންތަކަކީ، 2016 ވަނަ އަހަރު އިންވިސްޓިގޭޓިވް ނޫސްވެރިންގެ ގްރޫޕަކުން ލީކު ކޮށްލި ލިޔުންތަކެކެވެ. އޭގެ ތެރޭގައި ކަރަޕްޝަންގެ މައުލޫމާތު ހިމެނޭ 11.5 މިލިއަން ލިޔުން ލީކް ކޮށްލާފައިވެއެވެ. މި ލިޔުންތަކުން ހާމަވި ގޮތުގައި ނަވާޒް ޝަރީފްގެ 3 ބޭފުޅުން ކަމަށްވާ ހުސެއިން އާއި، ހަސަން އަދި މަރިޔަމް ގެ ނަމުގައި، ބްރިޓިޝް ވާޖިން އައިލެންޑްސް ގައި ރަޖިސްޓްރީކޮށް 3 އޮފްޝޯ ކުންފުނި ވަނީ އުފައްދާފައެވެ. އަދި މި ކުންފުނިތަކުން 25 މިލިއަން ޑޮލަރުގެ ވިޔަފާރީ މުއާމަލާތްވަނީ ހިންގާފައެވެ. މި ލިޔުން ތަކުން ހާމަވި ގޮތުގައި، ޝަރީފް އާއިލާއިންވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން އިމާރާތްތައް ބައްލަވައިގަނެފައެވެ.
ނަވާޒް ޝަރީފްވަނީ މި ވިޔަފާރިތަކާ ބެހޭ މައުލޫމާތު ސިއްރު ކުރައްވާފައެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ލަންޑަނުގައި ހުރި އިމާރާތްތަކަކީ، އޭނާގެ ބޭފުޅުންގެ ނަމުގައި ހުރި ތަންތަން ކަމަށް ވުމާއެކު އޭނާ އެ މައުލޫމާތު ހާމަކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އޭނާގެ ބޭފުޅުން އިމާރާތްތައް ހޯދުމުގައި ނުރަނގަޅު ފައިސާ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ކޯޓުން ބެލީ، އެ އިމާރާތްތައް ނަވާޒް ޝަރީފްގެ އާއިލާއިން ގަތުމުގައި، ފައިސާ ހޯދި މަގެވެ.
ނަވާޒް ޝަރީފްގެ މައްޗަށް ހިންގުނު ތަހުގީގުން ހާމަވި ގޮތުގައި، އޭނާވަނީ، ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ، ކެޕިޓަލް އެފް.ޒެޑް.އީގެ ޗެއަރމަންގެ މަގާމުވެސް އަހަރުތަކަކަށް އަދާ ކުރައްވާފައެވެ. ޝަރީއަތުން ހާމަވި ގޮތުގައި މި ކަންވެސް ނަވާޒް ޝަރީފްވަނީ ސިއްރު ކުރައްވާފައެވެ.
ކޯޓުން ބުނެފައިވަނީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވުމަށް އެމީހެއްގެ މިލްކިއްޔާތުގައި ހުރި މުދަލާ ފައިސާ އަދި އާމްދަނީ ލިބޭ މަސައްކަތްތައް ހާމަކުރަންޖެހޭނެ ކަމަށާއި ނަމަވެސް ނަވާޒް ޝަރީފްވަނީ އެކަމުގައި މަކަރު ހައްދަވާފައި އޮޅުވާލައްވާފައި ކަމަށެވެ.
ކޮންމެއަކަސް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެން ދިޔަ ޝަރީއަތް ނިމި ނަވާޒް ޝަރީފްގެ މައްޗަށް ކުރެވުނު ހުކުމަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ޕާކިސްތާނުގައި ތާރީޚީ ހުކުމެކެވެ. ނަވާޒް ޝަރީފްއާ ދެކޮޅަށް މި ކަމުގައި މަސައްކަތް ކުރި މީހުން ބުނަމުންދަނީ "ގޯ ނަވާޒް ގޯ" ކާމިޔާބުވެއްޖެ ކަމަށެވެ. އަދި ނަވާޒް އެ ވަޑައިގަތީ، ޕާކިސްތާނުގެ ސިޔާސީ މައިދާނުން އަބަދުގެ އަބަދަށް ކަމަށެވެ.