ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 17:01
ރައީސް މުއިއްޒު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
ސިޔާސީ ލީޑަރުންނާ ރައީސް ބައްދަލުކުރެއްވުން
އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި
ބައްދަލުކުރެއްވުމުގެ ތަފްސީލެއް ހާމައެއްނުކުރައްވާ
ސިޔާސީ ލީޑަރުންނާ ކުއްލިގޮތަކަށް ބައްދަލުކުރައްވަނީ އަޒުލުކުރުމުގެ އިސްލާހާ ގުޅިގެން

ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް މަޖިލީހުން ފާސްކޮށްފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ލީޑަރުންތަކަކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަކުކުރެއްވުންތައް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދުގެ އެކި ވަގުތުތަކުގައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ރައީސް ބައްދަލުކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދު، އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމާއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޒް ހަސަން ލަތީފާވެސް ބައްދަލުކުރައްވާފައެވެ.

ނަމަވެސް މި ބައްދަލުކުރެއްވުންތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ބައްދަލުވުން ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކޮށް، މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ. މިއީ ރައީސާއި ނައިބު ރައީސް އަޒުލުކުރާގޮތަށް ގެނައި ބަދަލެކެވެ.

މައުލޫމާތު ލިބޭގޮތުގައި، ސިޔާސީ ލީޑަރުންތަކާ ރައީސް މުއިއްޒު ބައްދަލުކުރައްވަމުން ގެންދަވަނީ، މަޖިލީހުން ފާސްކޮށްފައިވާ ރައީސާއި ނައިބު ރައީސް އަޒުލުކުރުމާގުޅޭ އިސްލާހުތަކާ ގުޅިގެންނެވެ. އަދި އަޒުލުކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ، ބައްދަލުކުރެއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތާއީދު އެމަނިކުފާނަށް ހޯއްދެވުމަށެވެ.

- ކޮމެންޓް