ރާއްޖޭގައި މިހާރު ޤާނޫން އަސާސީއެއް ޤާނޫނެއް ނުހިނގާ ކަމަށާއި މިހާރު ޢަމަލް ކުރަމުންދަނީ ރައީސް ޢަބްދުﷲ ޔާމީން ހިތްޕުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ހާޒިރުވެ ނުކުމެވަޑައިގެން ނޫސްވެރިނނަށް މައުލޫމާތު ދެއްވަމުންނެވެ. އިބޫ ވިދާޅުވީ މިހާރު ޤާނޫނީ އިމުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ޤާނޫން އަސާސީއާ ޤާނޫނާ އެއްގޮތައް ރައީސް ޔާމީން ކުރައްވާ އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.
އިބޫ ވިދާޅުވީ މިހާރު ކަންކަން ކުރަމުން ދަނީ ގަދަ ބާރާއި ނުފޫޒާއި ބިރުދެއްކުމުގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް ގެންދަނީ ރައީސް ޔާމީންގެ ހުދުމުޚްތާރު ބާރުގެ ބޭނުން ކޮށްގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ކުރައްވާ އެއްވެސް ކަމެއް. ޤާނޫނެއް މިތާކު ނުހިނގާ. ޤާނޫން އަސާސީއެއް މިތާކު ނުހިނގާ. ގަދަބާރާއި ނުފޫޒާއި ބިރުދެއްކުމުގެ ތެރެއިން މިހާރު ރައީސް ޔާމީން ކަންކުރައްވަމުން ގެންދަވަނީ. ތަހުގީގް ކުރައްވާނީވެސް ކޮންބަޔަކާ ދޭތެރޭގައިކަންވެސް ކަނޑައަޅުއްވަނީ ރައީސް ޔާމީން.ރައީސް ޔާމީންގެ އެ ހުދުމުޚްތާރު ބާރު މިހާރު ހުރިހާ މުއައްސަސާތަކުގެ މައްޗަށް އޮތީ." އިބޫ ވިދާޅުވިއެވެ.