Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 15:52
ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހުން
ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހުން
ޕޮލިސް
މާރާމާރި
އެލްސިއޯން ބޭކަރީ ސަރަހައްދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން މީހުންތަކެއް ހައްޔަރުކޮށްފި
މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި
ހައްޔަރުކޮށްފައިވަނީ 6 މީހުން

އެލްސިއޯން ބޭކަރީ ސަރަހައްދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން މީހުންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރި ހިންގާފައި ވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ ކަމަށާއި މާރާމާރީއާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ ސ. ހިތަދޫ، ނާސިރައްދޫގެ އުމުރުން 21 އަހަރުގެ މުނާޒު މުޙައްމަދާއި ހއ. މޮޅަދޫ، ބަހާރުގެ އުމުރުން 20 އަހަރުގެ ސިރުފާން އިބްރާހިމް އާއި ވ. ބުލޫނިޔާއާގެ އުމުރުން 21 އަހަރުގެ މޫސާ އިބްރާހިމް އާއި ސ. ހިތަދޫ، ލުހާއުގޭ އުމުރުން 20 އަހަރުގެ އިބްރާހީމް ޢަރީން އަޙްމަދާއި ނ. މިލަދޫ، ކާރނޭޝަންމާގެ އުމުރުން 20 އަހަރުގެ ޢަބޫބަކުރު ފާރިޢު އަދި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ސިރުފާން އިބްރާހިމް އާއި މުނާޒު މުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ޖުލައި 25 ވަނަ ދުވަހުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާއިރު މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖުލައި 19 ވަނަ ދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގެ އިތުރުން މާރާމާރީގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް