ހައްދު ފަހަނައަޅާފައިވާ ފުލުހުންތަކެއް ބުދަ ދުވަހުގެ ރޭ އާޢްމުންނާއި ނޫސްވެރިންނަށް ލާއިންސާނީ އަނިޔާދީ މުދަލަށް ގެއްލުން ދިން މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނިއިރު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނެވެ.
ބުދަ ދުވަހުގެ ރޭ އިދިކޮޅުފަރާތްތަކުން ހިންގި ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން ފުލުހުންވަނީ ހަރަކާތުގެ ބައިވެރިންގެ އިތުރުން އެކި މީޑިއާތަކުގެ މުޅި ޖުމްލަ ހަތް ނޫސްވެރިން ހައްޔަރުކޮށްފައެވެ.
"ސީދާ އެ ވަގުތު އަޅުގަނޑުމެންގެ ތަހުގީގީ އޮފިސަރުން ސީންގައި ހާޒިރުވެ ނެތް. އެހެން ނަމަވެސް ވީޑިއޯ އާ ހެކި ހޯދައި ކޮމިޝަނުން ވަނީ ތަހުގީގު ފަށާފައި،" ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ޔޫސުފް މާނިޢު މުޙައްމަދު ރާއްޖެ އެމްވީއަށް ވިދާޅުވިއެވެ.
ފުލުހުންވަނީ އެއްވުމުގެ ބައިވެރިންނާ ނޫސްވެރިންނަށް އަނިޔާކުރުމުގެ އިތުރުން މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީގެ ހަރުގެއަށް ކޯޓް އަމުރެއް ނެތި ވަދެ އިދިކޮޅު ހަރަކާތުގެ ބައިވެރިންތަކެއް ހިސޯރުކޮށްފައެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ޓްވިޓަރގައި ވިދާޅުވެފައިވަނީ"ހަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓް އަމުރެއްގެ ދަށުންތޯ އެހީމަ ފުލުސް މީހާ ބުނީ {މާ ގާނޫނީ ނުވާށޯ} " ކަމަށެވެ.
MDP Haruge @PoliceMv ge belumuge dhashah genesfaivany court amurehge dhashunthoa eheema fulus meehaa buny "MAA QAANOONEE NUVAASHOA!"
— Anas Abdul Sattar (@anasabdulsattar) July 26, 2017
ކަން ހިނގަމުން ދިޔަ ގޮތް ވަގުތުން ގެނެސް ދިނުމަށް ކުރަމުންދިޔަ މަސައްކަތް ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކޮށް ތިބި ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅަން އުޅުނުކަމުގެ ބަހަނާ ދައްކާފައެވެ.
އެ ތަނުގައި މަސައްކަތްކުރި ނޫސްވެރިން ބުނި ގޮތުގައި ނޫސްވެރިންތައް "އުފުރާލުމަށް" ފުލުހުންގެ ތެރެއިން ކޮމާންޑް ދެމުން ގެންދިއަ އަޑު ފުލުހުންގެ ޓޯކީތަކުން އިވެމުން ދިޔައެވެ.
"އޭރު އަޑު އިވޭ ނަސީރު ޕާކުތެރޭ ލައިވް ކޯލެއްގައި ހުރި ވާހަކަޔާ އޭނާ އުފުރާލުމަށް ގޮވާ އަޑު. ކޮމާންޑަރުން އެ ކަންކުރީ ޓީވީން ބަލަމުން ކަމަށް ފާހަގަވަނީ،" ރާއްޖެޓީވީގެ ވީޑިއޯ ޖާނަލިސްޓް އަހުމަދު މަމްދޫހު ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޮމިޝަނުގެ މެމްބަރުންގެ ބަހެއް ނުލިބުނު ކަމަށެވެ.
އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޖަވާބު ވެސް ނުލިބިގެން އެތައް ބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު އޭގެ ތެރޭގައި ކުރީގެ ނަައިބް ރައީސް އަހުމަދު އަދީބުގެ އާއިލާ އާއި ވަކީލުުން ހިމެނެއެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ވެސް އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުމުގައި ފަހަތު ފަޔަށް ބުރަވެފައިވާ ކޮމިޝަނެއްގެ ގޮތުގައިވަނީ ގިނަ ބަޔަކު ދެކެއެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ މައްސަލަ ހުށަހެޅިތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އަދިވެސް އެ ކޮމިޝަނަށް އެ މައްސަލަ ބަލާ ނިންމިފައެއް ނުވެެއެވެ.