ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އަނިޔާވެރިކަން ނިންމުން ނޫން ގޮތެއް ނެތް ކަމަށާއި ވަރަށް އަވަހަށް ކުރީ ސަފުން ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެން ކެތެއް ނުވާނެ ކަމަށާއި އަނިޔާވެރިކަން ގާނޫނުއަސާސީގެ ދަށުން ނިންމެން އޮތް ގޮތަކަށް ނިންމަންޖެހޭ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ވަރަށް އަވަހަށް ކުރީ ސަފުން ފެންނާނެ ކަމަށެވެ.
Dhen ketheh nuvaane! Aniyaaverikan asaaseege dhashun nimmunu gothakah nimmaalan jehey. Iraadha kureviyya varah avahah kuree safun fennaane. pic.twitter.com/QuxIACipfh
— Ali Waheed (@ali20waheed) July 26, 2017
ކުރީ ސަފުން ފެންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވެފައި އެވަނީ ކޮންގޮތަކަށް ކަމެއް ސާފު ނުވި ނަމަވެސް، މިވަގުތު އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގަ އެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތަށް ބަދަލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުގެ "މޭޑޭ" މުޒާހަރާއާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލުމުންނެވެ. އެމުޒާހަރައާ ގުޅިގެން އަލީ ވަހީދާއެކު ހައްޔަރު ކުރި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހު އިމްރާން އަބްދުﷲގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލުމަށް ފަހު 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އަލީ ވަހީދު އިނގޭސި ވިލާތަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީންއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް، ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ޖަރީމާތަކުގެ ބައެއް ވާހަކަތައް ވެސް މީޑިއާތަކަށް އަލީ ވަހީދު ވަނީ ހިއްސާ ކުރައްވާފަ އެވެ.
ނަމަވެސް، އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު ސިޔާސީ މައިދާނުން ކޮންމެވެސް ވަރަކަށް ދުރަށް ވަޑައިގެން، ހަނުހިމޭނުން ހުންނެވުމަށް ފަހު، ބުދަ ދުވަހުގެ ރޭ އަލީ ވަހީދު ވިދާޅުވެފައި ވަނީ މިސަރުކާރު ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ކުރީ ސަފުން ފެންނާނެ ކަމަށެވެ.
އަލީ ވަހީދު އެގޮތަށް ވިދާޅުވިއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި އަނިޔާވެރިކަން ނިންމަން ޖެހޭކަމަށް ބުނަމުންނެވެ.
ރާއްޖޭ 52 ވަނަ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔައިރު، ގުޅީފައިވާ ސިޔާސީ ޕާޓީތަކުން ދިޔައީ އަނިވާރިކަން ހުއްޓާލުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށްއެދި އެއްވުންތައް ބާއްވަމުންނެވެ. އަދި އެ އެއްވުންތަކުގައި ފުލުހުން ވަނީ އާއްމު ގިނަ އަދަދެއްގެ ރައްޔިތުންނަށާއި ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާކޮށް ހައްޔަރުކޮށްފައި ވެއެވެ.